ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ސެގްމެންޓު ނޮވެމްބަރު މަހު ނިމޭނެ: އެމްޓީސީސީ


  • މަސައްކަތް ގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެން

  • މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ މަސައްކަތް

  • މަގުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަގުގެ މަސައްކަތް ފަށްޓާނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނިން މަސައްކަތްކުރަނީ ކުރިއަށް އޮތް ދެ މަސްދުވަހުގެތެރޭގައި ސެގްމަންޓް 1ގެ ހުރިހާ މަސައްކަތްތައް ނިންމުމަށެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓްސް މެނޭޖަރ ޝަރުވަސް ޢަބްދިﷲ ފާއިޒް ވިދާޅުވީ ބަނދަރުގެ ޝީޓްޕައިލްކޮށް ނިމި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްކަމަށެވެ. މިގޮތުން ފުރަތަމަ ސެގްމަންޓްގައި 132 މީޓަރުގެ ސަރަހައްދުގައި ޝީޓްޕައިލްކޮށްފަވެއެވެ.

"އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކުރިއަށް އޮތް 6 ދުވަސްތެރޭ ނިމޭނެ. އެއަށްފަހު މި ފަށާ މަހުގައި މި ފަށަނީ މަގުގެ މަސައްކަތްތައް. ހޮޅި ވަޅުލުމާ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމާއި ތާރުގެ މަސައްކަތްތައް. އޭގެ ޢަމަލީ މަސައްކަތްތައް ހަފްތާއެއްހާ ދުވަސްތެރޭ ފަށާނަން." ޝަރުވަސް ވިދާޅުވިއެވެ.

ޝަރުވަސް ވިދާޅުވީ މަސައްކަތްތައް ޓައިމްލައިނަށްވުރެ ބާރަށް މަސައްކަތް ކުރިއަށްދާކަމަށެވެ.

"މަގުގެ މަސައްކަތްތައް ދެން މިފަށަނީ. ތާރުއެޅުމުގެ ހުރިހާ މަސައްކަތްތަކަކާއެކު، ކުރިއަށްއޮތް ދެމަހެއްހާ ދުވަސްތެރޭ މަސައްކަތްތައް ނިންމާލުން އަމާޒަކީ. އެގޮތަށް މަސައްކަތްތައް ދަނީ." ޝަރުވަސް ވިދާޅުވިއެވެ.

ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

މިއީ މާލޭގެ އެންމެ މުހިންމު އަދި ކާރޫބާރޫ ބޮޑު އެއް ސަރަޙައްދެވެ. މާލޭގެ މަލަމައްޗެވެ. އަދި ގިނަ އޮފީސްތަކެއް ހިމެނޭ ސަރަޙައްދެއްގެ އިތުރުން، މިއީ މާލެއަށް ދަތުރުކުރާ ގިނަ ކަނޑު އުޅަނދުތައްވެސް ބޭނުންކުރާ މައި ސަރަޙައްދެކެވެ. ބަނދަރު ސަރަހައްދު ބޭނުންކުރުމުގައި ވަގުތީގޮތުން ބައެއް ބަދަލުތައްވެސް ވަނީ ގެނެސްފައެވެ.