ޣައްޒާ ސިޓީގައި ތިިބި ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދު ހުސްކޮށް، ޔަހޫދީން ރައްކާތެރި ކަމަށް ބުނާ އެހެން ސަރަޙައްދުތަކަށް ދިޔުމަށް ޔަހޫދީން އަންގަން ފެށި ފަހުން އެ ސަރަޙައްދުތަކުން 1،903 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސަރުކާރުން ބުނެފިއެވެ.
ޣައްޒާގެ ސަރުކާރުން ވަނީ ޣައްޒާގެ މެދުތެރޭ އަދި ދެކުނުގެ ސަރަޙައްދުތަކަކީ ރައްކާތެރި ސަރަޙައްދުތައް ކަމަށް ބުނެ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކަށް ދިޔުމަށް ޔަހޫދީން ބާރުއަޅަމުންދާ ހިނދު، އެ ސަރަޙައްދުތަކަށް ޔަހޫދީންގެ ޙަމަލާތައް އަމާޒުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އޮގަސްޓު މަހުގެ 11ވަނަ ދުވަހު ޣައްޒާ ސިޓީގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ޔަހޫދީން މަޖުބޫރުކުރަން ފެށި ފަހުން، ޣައްޒާގެ މެދުތެރޭ އަދި ދެކުނުގެ ސަރަޙައްދުތަކަށް ދީފައިވާ 133 ޙަމަލާއެއްގައި 1،903 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ ތާރީޚުން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ 46 އިންސައްތަ ޝަހީދުކޮށްލާފައި ވަނީ ރައްކާތެރި ކަމަށް ޔަހޫދީން ބުނާ ސަރަޙައްދުތަކުގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ޔަހޫދީންގެ މި ހީލަތްތެރި ޢަަމަލުން ދައްކުވައިދެނީ ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަނީ ސީދާ ޢާންމުންނަށް ކަން ކަމެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މައްސަލައިގެ ތެރެއަށް ވަދެ، ޔަހޫދީންގެ ޢަމަލުތައް ހުއްޓުވައިދިނުމަށް ވެސް އެ އިދާރާއިން ގޮވާލާފައިވެއެވެ. ބައިނަލްއަޤްވާމީ ދުނިޔެއިން އެއްވެސް ފިޔަވަޅެއް ނާޅައި ނަމަ އެއީ ޔަހޫދީންގެ ޢުދުވާން ކުރިއަށް ގެންގޮސް ކުށެއް ނެތް ރައްޔިތުން ކަތިލުމަށް ދެވޭ ފެހި ސިގްނަލެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ޣައްޒާއަށް ދީފަައިވާ ޙަމަލާތަކުގައި 91 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރެއިން 45 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 66,000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންދާ ހުޅަނގުގެ ޤައުމުތަައް ވެސް ދަނީ އިތުރުވަމުންނެވެ. ނަތީޖާއެއްްގެ ގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީން ދަނީ އެކަހެރިވަމުންނެވެ.