ޚަބަރު

ވިޒިޓް މޯލްޑިވްސްއިން ބާއްވާ ފަތުރުވެރިކަމުގެ މަހާސިންތާ ބުދަދުވަހު


  • ތަފާތު ސެގްމެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި

  • މި މަހާސިންތާ ކުރިއަށްގެންދަނީ "ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް"ގެ ނަމުގައި

ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ފަތުރުވެރިކަމުގެ މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި މަހާސިންތާ އޮންނާނީ ބުދަދުވަހުކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

"ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް"ގެ ނަމުގައި، ބުދަދުވަހު ކުރިޔަށް ގެންދާ މި މަހާސިންތާއަކީ، އަންނައަހަރު ފަތުރުވެރިކަން އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް، ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި، މަސައްކަތްތެރީންނާއި، މީޑިއާގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބާއްވާ، ފަތުރުވެރިކަމުގެ މަހާސިންތާ 2025ގައި ހަރުދަނާ ހިޔާލުތައް ބަދަލުކުރެވި، ގުޅުން ވަރުގަދަކުރުމަށްޓަކާ ތަފާތު ސެގްމެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، ބިނާކުރަނިވި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުމާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މަހާސިންތާގެ ތެރެއިން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނައަހަރަށް އެކުލަވައިލާފައިވާ ޑެސްޓިނޭޝަން މާކެޓިންގ ޕްލޭން ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މި ޕްލޭންގެ ތެރެއިން "އޯޝަން ނޭޝަން" ސްޓްރެޓަޖީގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ހާމަކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުންނާއެކު ލަގްޒަރީ ޓޫރިޒަމް، ސުޕަރ ޔޮޓް އަދި ބޯޓިންގ ޓޫރިޒަމް، އަދި ގެސްޓްހައުސް އަދި އަތޮޅު ޓޫރިޒަމް ފަދަ ޚާއްޞަ ފަތުރުވެރިކަމުގެ ބައިތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އީޖާދީ ގޮތްތަކާއި މާކެޓް ފުޅާކުރުމުގެ ފުރުޞަތުތައް ހޯދުމަށް ވޯކިންގ ގްރޫޕް ސެޝަންތައް ބޭއްވުމަށާއި، އިންޑިއާ، ޗައިނާ، ރަޝިޔާ، ޖަރުމަން، ޔޫކޭ، އިޓަލީ، މެދުއިރުމަތި، އެމެރިކާ އަދި ފްރާންސް ފަދަ ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުން ވެސް ކުރިއަށް ދާނެއެވެ.

މަހާސިންތާ ނިންމާލާނީ ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް ތައްޔާރުކުރުމަށް ފަހުގައެވެ. މި މަހާސިންތާގެ އަލީގައި، އަންނައަހަރަށް މާކެޓިންގ ބްލޫޕްރިންޓެއް އެކުލަވާލުމަށް ވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.