ޚަބަރު

އަރާމުކުރާނެ ފުރުސަތެއް ވިކްޓްރީއަކަށް ނެތް: ލަތީފް


‎މެޗަކުން ބަލިވެގެންގޮސް އަރާމުކުރާނެ ފުރުސަތެއް ވިކްޓްރީ ސްޕޯޓްސް ކުލަބަކަށް ނޯންނާނެ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ޖެހޭނީ އެންމެ ފޯރީގައި ގަދަ ހިތްވަރާއެކު ޓީމުގައި އޮންނަ ސިސްޓަމަށް މަސައްކަތްކޮށްގެން މޮޅުވާން ކަމަށް އެ ކުލަބުގެ ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.

ލީގުގައި ފުރަތަމަ ކުޅުނު ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކުލަބު އަތުން ވިކްޓްރީ ވަނީ 5-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި ގްރީން ސްޓްރީޓްސް އަތުން ވަނީ ހަނި މޮޅެއް ހޯދާފައެވެ.

1-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ލަތީފް ބުނީ ލީގުގެ ފުރަތަމަ މެޗުން ވިކްޓްރީ ސްޕޯޓްސް ކުލަބު ބަލިވިޔަސް ދެން ހުރި މެޗުތަކުން މޮޅުވުމަށް ހުރިހާ ޓްރޭނިންތަކެއްގައިވެސް އަންނަނީ ކުޅުންތެރިންނަށް އިރުޝާދު ދެމުން ކަމަށެވެ.

ވިކްޓްރީއަކީ އެންމެ ގިނަ ތަށި ހޯދާފައިވާ ކުލަބު ކަމަށާއި އަރާމުކުރާނެ ވަގުތު މި ސީޒަނުގައި އެކުލަބަކަށް ނޯންނާނެ ކަމަށްވެސް ލަތީފު ބުންޏެވެ.

ލަތީފް ބުނީ ‎ވިކްޓްރީގައި ތިބި ކުޅުންތެރިންނަކީ އެކި އޮފީސްތަކުގެ ފުޓްސަލް ޓީމުތަކަށް ދޫކުރަން ޖެހޭ ކުޅުންތެރިން ކަމަށާއި ގިނ ކުޅުންތެރިން ގެންގުޅެން ޖެހެނީ އެގޮތަށް އެއްބަސްވެގެން ކަމަށެވެ.

އެހެންކަމުން ފަރިތަކުރުންތައް ބޭއްވެނީ އެ ކުޅުންތެރިންނަށް ވަގުތުވީ ވަރަކުން ކަމަށް ލަތީފު ފާހަގަކުރިއެވެ.

ވިކްޓްރީ އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.