ޚަބަރު

ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިމިއްޖެ


  • މިމުބާރާތުގައި 1023 ފަރާތަކުންވަނީ ކިޔަވާފައި

  • މުބާރާތް ކުރިއަށްގެން ގޮސްފައިވަނީ މިމަހުގެ 18 އިން 26ގެ ނިޔަލަށް

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިންމާލައިފިއެވެ.

މިމުބާރާތުގައި މިއަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 1036 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ކީރިތި ޤުރުއާނަށް ތުއްތު ކުދިންނާއި ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމަށްވާ، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސްކޫލް ކުދިންނާއި ޒުވާނުންގެ މެދުގައި މަޤުބޫލު މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 18 އިން 26 އަށެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް އަލީ ވަހީދު އަބްދުއްރަހްމާން ވިދާޅުވީ މިމުބާރާތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން 1036 ފަރާތުން ބައިވެރިވީ ނަމަވެސް ކިޔަވާފައި ވަނީ 1023 ކުދިން ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ކިޔެވި 29 ބައިވެރިންނެވެ.

މިމުބާރާތުގެ ކިޔެވުން ކުރިއަށްގެން ގޮސްފައި ވަނީ ކިންގ ސަލްމާން މިސްކިތުގައެވެ. މި މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުވައްސަސާތަކުގެ އިތުރުން އަމިއްލަގޮތުން އެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

" ވޭތުވެދިޔަ 3 މުބާރާތެކޭ އެއްގޮތަށް މި މުބާރާތަކީ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލާ ކިޔެވުމުގެ ގޮފި އެއްވަގުތެއްގައި 2 ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް މުބާރާތެއް. މިގޮތުން ބަލާއިރުގައި ފުދޭވަރެއްގެ ގިނަ ގޮންޖެހުންތަކެއް މީގެ ކުރިން ކުރިމަތިވެފައި ހުރީ. އެ ހުރިހާ ކަންކަމަކަށް ބަލާފައި ވަރަށް ގިނަ ކަންތައްތަކެއް އިސްލާހް ކުރެވިގެން، ރަނގަޅު ކުރެވިގެން މި ފަހަރުގެ މި މުބާރާތަކީ އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ފާހަގަވެފައި މިވަނީ" ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް އަލީ ވަހީދު އަބްދުއްރަހްމާން ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ޤުރުއާންކިޔެވުމުގެ މުބާރާތެވެ. މިގޮތުން މެދު ނުކެނޑި އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މިމުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ބައިވެރިންނާއި ބެލެނިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިމުބާރާތަކީ ސީދާ ސަރުކާރުގެ ޚަރަދުގައި ބާއްވަމުންދާ މުބާރާތަކަށް މިހާރު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގައި ވަނަ ވަނައަށް ދާ ފަރާތްތަކަށްވެސް ފާހަގަކުރެވޭ އިނާމުތައް އަންނަނީ ދެއްވަމުންނެވެ. އެގޮތުން މިމުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުންވެސް ވަނަތައް ހޮވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.