ކުލަބު މޯލްޑިވްސް 2025 ގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި މިރޭ ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ އެމްޕީއެލް އަތުން 4-2 ގެ ނަތީޖާއަކުންނެވެ. ހަތަރުވަނަ ފަހަރަށް އެއިޓީން ތާޓީގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދިއިރު ފައިނަލް މެޗުގައި ދެޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގެންގުޅުނީ ދިވެހި ސިފައިންގެ ކުލަބުންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ދެ ގޯލް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އެހެންނަމަވެސް އެމްޕީއެލްގެ ކުޅުންތެރިންވަނީ ކުޅުން ރަނގަޅުކޮށް ދިވެހި ސިފައިންގެ ކުލަބުގެ ދިފާއު ފޫއަޅުވާލުމަށްފަހު ދެ ލަނޑު ކާމިޔާބުކޮށް ކްލީން ޝީޓަކާއިއެކު މުބާރާތް ނިންމުމަށް ދިވެހިންގެ ސިފައިންގެ ކުލަބުން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާފައެވެ.
ދިވެހި ސިފައިންގެ ކްލަބުން ފައިނަލާއި ހަމައަށް އައީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ދިވެހި ސިފައިންގެ ޓީމުން މި މުބާރާތް ކާމިޔާބުކުރިއިރު ދިވެހި ސިފައިންގެ ކުލަބުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނެވެ.
ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެމްޕީއެލްއެވެ. ކްއަިން އޮފް 18/30 ގެ މަގާމު ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ މައީޝާ އަބްދުލް ހަންނާނެވެ.
ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ދިވެހި ސިފަައިންގެ ކުލަބުގެ ޒަހުރާއެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެެރިޔާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ރިފާއެވެ. އޭނާ ވަނީ މި މުބާރާތުގައި 5 ގޯލް ކާމިޔާބުކޮށްފައެވެ. މާސްޓަރ އޮފް ދަ 18/30 ގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ކޯޗު އަލީ އިބްރާހިމްއެވެ.
18/30 ގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
1. މަރިޔަމް ރިފާ - ދިވެހި ސިފައިންގެ ކުލަބް
2. ޒަހުރާ - ދިވެހި ސިފައިންގެ ކްލަބް
3. ފާތިމަތު އިނާޝާ އެމްޕީއެފް
4. މައިޝާ އަބްދުލް ހަންނާން - ދިވެހި ސިފައިންގެ ކްލަބް
5. ފަރަހް އަހްމަދު - އެމްޕީއެލް
މި މުބާރާތުގެ ރަނަރަޕް ޓީމު އެމްޕީއެލްއިންވެސް ވަނީ 18/30 ގައި މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައަކަށްވީ ކުޅުންތެރިންގެ ފިޓްނެސްގެ މައްސަލަތަކެވެ.