ޚަބަރު

ތ. ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ފަށައިފި


  • މިމަސައްކަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު

  • މިމަސައްކަތް ކުރިއަށްގެންދަނީ އާރްޑީސީއާ ހަވާލުކޮށްގެން

ކޮޅުމަޑުލު ތިމަރަފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިމަރަފުށި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތިމަރަފުށްޓަށް ކުރެއްވި ޒިޔާރަތުގައެެވެ.

ތިމަރަފުށި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް، ތިމަރަފުށި ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްގެންނެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ. ރަށުގައި ތިބިގެން ނުވަތަ އަތޮޅުން ބޭސް ފަރުވާގެ އެންމެހާ ކަންކަން ކުރެވުމަކީ ސަރުކާރުގެ މުހިންމު މަސައްކަތެކެވެ.