މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު އަންނަމަހު 11 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި ކޮމިޝަނަކީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަންނަމަހުގެ 4 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މި އިންތިޚާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުން އިންތިޚާބުކުރާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށް ކަމަށާއި، ވޯޓުލާ މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސިޓީގައިކަމަށެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓަރީވެފައިވާ ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތަކަށެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ވޯޓުލާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ. އަދި އެހެން މީޑިއާތަކުން ވޯޓުލާނީ އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ.
އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ވަނީ އުވިފައެވެ.