ޓާޝަރީ ހޮސްޕިޓަލްތަކުގެ ތެރެއިން މިވަގުތު އެމްއާރްއައިގެ ޚިދުމަތް ލިބެން ނެތް ހޮސްޕިޓަލްތަކުގައި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެޚިދުމަތް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތ.ގުރައިދު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ތ.ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވިދާޅުވީ ސިއްޙީ ޚިދުމަތް ހަރުދަނާކޮށް، ފަރުވާއަށް މާލެއަށް އައުމަށް ރައްޔިތުން އުފުލާ ތަކުލީފު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށްފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން އެމްއާރްއައިގެ ޚިދުމަތް މިވަގުތު ލިބެން ނެތް، ހޮސްޕިޓަލުތަކުގައި އެޚިދުމަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީކުރާ ހުރިހާ އަރބަން ސެންޓަރުތަކެއްގައި ޤާއިމްކުރާ ހޮސްޕިޓަލްތަކުގައި ސީޓީ ސްކޭން ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށެވެ. މީގެއިތުރުން ހުރިހާ ވަޞީލަތްތަކެއް ހިމެނޭހެން ފުލްފެލްޖްޑް، ޑެންޓަލް ސެޓަޕް 15 އަތޮޅު ހޮސްޕިޓަލެއްގައި ޤާއިމުކޮށް، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އެ ޚިދުމަތް ފައްޓަވާނެކަމަށެެވެ.
"މިއީވެސް ހުރިހާކަމަކަށް މާލެއަށް މިއިން ކޮންމެކަމެއް ކުރަން އަންނަޖެހޭވަރު މަދުކޮށްދީ ރަށުގަ ތިބެގެން، އަތޮޅުގައި ތިބެގެން، އެސަރަޙައްދުން އެޚިދުމަތް ހޯދުމަށް ފަސޭހަކޮށްދީ ރައްޔިތުން ބާރުވެރިކޮށްދީ މާލެއަށް އަންނަމިޖެހޭ އަޅުވެތިކަމުން ސަލާމަތްކޮށްދިނުމަށް، ސިއްޙީ ދާއިރާ ވަރުގަދަކުރުމަށް، ޖުމްލަކޮށް ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިފަދަ ހުރިހާ ވަޞީލަތެއް ރަށްރަށުގައި ޤާއިމުކުރުމަށް ކުރިއަށްގެންދާކަންކަން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ދަނީ އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމަށް، ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް އެކި ރަށްރަށުގައި ކުރިއަށްދާއިރު، އިންސާނީ ވަޞީލަތާއި، މެޑިކަލް ކޮންޒިއުމަބަލްސް ހަމަކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.