ޚަބަރު

ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ސްލޮވީނިޔާއަށް އެރުން މަނާކޮށްފި


ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަށް ސްލޮވީނިޔާއަށް އެތެރެނުވެވޭނެ ކަމަށް އެ ޤައުމުން ނިންމައިފިއެެވެ.

ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމެއް ކަމަށްވާ ސްލޮވީނިޔާއިން ނަތަންޔާހޫއާ ދެކޮޅަށް މި ފަދަ ނިންމުމެއް ނިންމާފައި މި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ޔަހޫދީ ދައުލަތުގެ ދެ ވަޒީރަކަށް ވެސް އެ ޤައުމަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށެވެ. އެއީ ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ސްލޮވީނިޔާއިން ވަނީ ބަލައިގެންފައެވެ. ފާއިތުވި އޮގަސްޓު މަހުގެ ތެރޭގައި އެ ޤައުމުން ވަނީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމާއި ފޯރުކޮށްދިނުން މަނާކޮށްފައެވެ. އަދި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އުފައްދާ ތަކެތި އެ ޤައުމަށް އެތެރެކުރުންެ ވެސް ވަނީ މަނާކޮށްފައެވެ.

2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.