ޚަބަރު

އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާޕާސަންކަން މައުރޫފަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025/2026 ވަނަ ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުން އެފްއޭއެމް އެވޯޑްސް ދިނުމަށް ނިންމާ އެވޯޑް ކޮމިޓީއަށް މެންބަރުން އައްޔަން ކޮށްފިއެވެ.

އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާޕާސަންކަމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ކުރީގެ ގައުމީ ކީޕަރު އަދި ތަޖުރިބާކާރު ކޯޗު މައުރޫފު އަހްމަދު (މާއްޓޭ) އެވެ. ޑެޕިއުޓީ ޗެއާޕާސަން ކަމަށް ހަމަޖައްސާފައިވަނީ އަބްދުލް ހަމީދު އަބްދުލް ޤަފޫރެވެ. މީގެ އިތުރުން ކޮމިޓީގައި ހިމެނެނީ ހަވީރު އެވޯޑްސް ކޮމިޓީގެ މެންބަރު މުހައްމަދު ޝަހީބާއި، ކުރީގެ ރެފްރީ އަދި ސީނިއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަހުމަދު އަބީރު އިސްމާއިލެވެ.

އެފްއޭއެމްއިން މިސީޒަނުގެ މުބާރާތްތަކުން ހޮވަން ކަނޑައަޅާފައިވަނީ އެންމެ މޮޅު 3 ފުޓްބޯޅަ ކުޅުންތެރިން، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ފުޓްބޯޅަ ކްލަބް، 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ގޯލް ކީޕަރު، އެންމެ މޮޅު ފުޓްބޯޅަ ރެފްރީ، އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ގޯލު އަދި ސަޕޯޓަރުންގެ އެންމެ މަގްބޫލު ކުޅުންތެރިޔާއެވެ.

މިއީ ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ދޭ އެވޯޑުތަކެކެވެ.