ޚަބަރު

ހއ. ދިއްދޫ ބަނދަރު މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފި


  • މަޝްރޫޢުގެ 91 ސިންސައްތަ މަސައްކަތް ވަނީ އެއްކޮށް ނިމިފައި

  • މިއީ ގާތްގަޑަކަށް 70.59 މިލިޔަން ރުފިޔާގެ މަޝްރޫއެއް

ހއ. ދިއްދޫ ބަނދަރު ތަރައްޤީކުރުމިުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރުގެ އެކްސްޓެންޝަން މަސައްކަތްތައްކަމަށެވެ. އެއާއެކު މި މަސައްކަތުގެ %91 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ރަށުގެ ބަނދަރު ބޮޑުކޮށް ޖާގައިތުރުކުރުމާއި، ޖެޓީ ތަރައްޤީކުރުމެވެ.
ދިއްދޫގައި ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 މީޓަރ ފުޅާ ބަނދަރެކެވެ. ބަނދަރަށް އިތުރުކުރާ ބަޔާއެކު ދިއްދޫ ބަނދަރުގެ ސައިޒު ދެގުނަ އިތުރުވާނެއެވެ. އަލަށް ހަދާ ބަނދަރަކީ 600 މީޓަރުގެ ބަނދަރެކެވެ.

ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މިއީ ގާތްގަޑަކަށް 70.59 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ހއ.އަތޮޅުގެ ވެރިކަން ކުރާރަށް ދިއްދުއަކީ ކޮންމެ ދުވަހަކުވެސް އަތޮޅުގެ އެތައްބަޔަކު އެކި ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ރަށެކެވެ. 5000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މިރަށަށް ރަށުން ބޭރުން އަންނަ ގިނަ މީހުންނަކީ ޚާއްސަކޮށް ސިއްޙީ ޚިދުމަތް ހޯދަން އަންނަ މީހުންނެވެ.

ލަފާފުރުމަށް ދިއްދޫގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ބޮޑުބަނދަރެއް ނަމަވެސް، ދިއްދުއަކީ ހއ.އަތޮޅުގެ ވެރިކަންކުރާ ރަށަށްވުމުން ބަނދަރުގެ ޖާގާގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މިމަޝްރޫޢާއެކު ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގާގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.