ޚަބަރު

ޙޫޘީންގެ ޙަމަލާއެއް އަނެއްކާ ވެސް އުންމު އަލް-ރަޝްރަޝްއަށް، 50 ޔަހޫދީން ޒަޚަމްވި


ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ޣައްޒާއަށް ދެމުންދާ ޢުދުވާނުތަކުގެ ރައްދުގައި، ޔަހޫދީންގެ މައި ސަހަރެއް ކަމަށްވާ އުންމު އަލް-ރަޝްރަޝްއަށް އަނެއްކާ ވެސް ޔަމަނުގެ ޙޫޘީން ވަރުގަދަ ޑްރޯން ޙަމަލާއެއް ދީފިއެވެ.

ޢުރުދުނާއި މިޞްރާއެކު ސަރަޙައްދީ ރޮނގެއް ޙިއްޞާކުރާ އަލް-ރަޝްރަޝްއަށް އަމާޒުކޮށްފައިވާ ޑްރޯން ޙަމަލާގައި އެކަކު މަރުވެފައިވާ ކަމަށް ޔަހޫދީ ނޫސްތަކުން ބުނެއެވެ. ޙަމަލާގައި 50 މީހުންނަށް ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ތިން މީހުންގެ ޙާލު ދެރަ ކަމަށް މަސްދަރުތަކުން ބުނެއެވެ. އެނގިފައިވާ ގޮތުގައި ޙޫޘީން ދިން ޑްރޯން ޙަމަލާ ހުއްޓުވުމަށް ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ ނުކުޅެދިފައެވެ.

ޔަމަނުން ބުނީ މި ޙަމަލާތަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންނަށް އަމާޒުކޮށް ޙޫޘީން ދީފައިވާ މިފަދަ ދެވަނަ ޙަމަލާ ކަމަށެވެ. ޙޫޘީންގެ ވަރުގަދަ ޙަމަލާއެއް ޔަހޫދީންނަށް އަމާޒުވެފައި މި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް އެ ފަދަ ޙަމަލާއެއް ފުޅާދާއިރާއެއްގައި ފަތުރުވެރިކަންކުރާ އީލާތުގެ ހޮޓާތައް ހުންނަ ސަރަހައްދަށް ދީފައި ވަނިކޮށެވެ. ނަމަވެސް އެ ޙަމަލާގައި އެއްވެސް މީހަކަށް ޒަޚަމްވެފައެއް ނުވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ.

މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.