ޚަބަރު

ވަންދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • ތ.އަތޮޅުގެ 8 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރާނެ

  • ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލް ރައީސަށް ހަވާލުކުރެއްވި

ކޮޅުމަޑުލު ވަންދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ވަންދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސްގެ މި ދަތުރުފުޅުގައި ތ.އަތޮޅުގެ 8 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތ. ވަންދޫގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލް ރައީސަށް ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަންދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.