ޚަބަރު

އަންނަ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކެއް ކުޅުދުއްފުއްޓަށް ގެނެސްދޭނަން: މުޖުތަބާ


ކުރިއަށް އޮތް އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކެއް ކުޅުދުއްފުށި ސިޓީއަށް ގެނެސްދޭނެކަމުގެ ޔަގީންކަން އެ ސިޓީގެ ރައްޔިތުންނަށް ދެއްވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

މުޖުތަބާ ވިދާޅުވީ ނިމިގެންދިޔަ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހުށަހެޅުމުން އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުން ކުޅުދުއްފުށީގައި އެކަން ކުރެވޭނެތޯ ބެލުމަށްފަހު މިއީ ބައިނަލްއަގްވާމީ މުބާރާތްތައް މީގެ ކުރިން ބޭއްވި ފެންވަރަށްވުރެ މާ ފެންވަރު މަތި ތަނެއް ކަމަށް ބުނި ކަމަށެވެ.

ކުޅުދުއްފުށީގައި މީގެ ހައެއްކަ އަހަރު ކުރިން ފެށިގެން ބީޗް ހޭންޑްބޯޅަ ކުޅޭކަން ފާހަގަކޮށް މުޖުތަބާ ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަކީ އެއްބައިވަންތަ ބައެއްކަން ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުން ފެނިގެން ހިގައްޖެ ކަމަށެވެ.

”މިރަށުގެ ރައްޔިތުންނަކީ އެއްބައިވަންތަ އެކުވެރި ބައެއްކަން ފެނިގެން ހިގައްޖެ. އަޅުގަނޑު ޔަގީންކަން ތިބޭފުޅުންނަށް އަރުވަނީ އިރާދުކުރެއްވިއްޔާ މި އަންނަ އަހަރު މިއަށްވުރެ ބޮޑު މުބާރާތަކާއި އެކުގައި ތިޔަބޭފުޅުންނާއި އަޅުގަނޑު ބައްދަލުކުރާނަން“ މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަށް ތައްޔާރުވަމުން އައީ ކުޅުދުއްފުއްޓަކީ ވޯލްޑް ޗެމްޕިއަންޝިޕްވެސް ބޭއްވިދާނެ ފެންވަރުގެ ތަނެއްކަމަށް ބަލައިގެންކަމަށެވެ.

އަދި ގިނަ ގޮންޖެހުތަކަކާއި އެކުވެސް މި މުބާރާތް ބޭއްވުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު ކުރެއްވި އިތުބާރު ފާހަގަކުރައްވާ މުޖުތަބާވަނީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ވޯލްޑް ފެޑެރޭޝަނާއި އޭޝިއަން ފެޑެރޭޝަން އަދި ކޮމަންވެލްތް ބީޗް ހޭންޑްބޯލް ފެޑެރޭޝަނުން ދިން އެއްބާރުލުން ފާހަގަކޮށް މުޖުތަބާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ހޭންޑްބޯލް މޯލްޑިވްސް ކުރީގެ ރައީސް އަހުމަދު އިސްމާއިލްއާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު އަހުމަދު އާތިފް އާއި ކައުންސިލަރުން އަދި ރަށުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާ އެފަރާތްތަކަށްވެސް މުޖުތަބާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަކިން ހާއްސަކޮށް ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރި ކުރި ހިއްވަރު ފާހަގަކޮށް މުޖުތަބާ ވިދާޅުވީ ތިން ވަނައާއިއެކު މުބާރާތް ނިންމާލުމަކީ ދިވެހި ދަރިން ހޯދި ކާމިޔާބީއެއް ކަމަަށެވެ.

ސެޕްޓެމްބަރު 18-22 އަށް ކުރިޔަށްދިޔަ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރީ ދެކުނު އެފްރިކާ، އިންޑިއާ، ޕާކިސްތާން، ބަނގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕާކިސްތާނުންނެވެ. ރަނަރަޕް ޓީމަކީ ސްރީލަންކާއެވެ.