ޚަބަރު

ޗެރިޓީ ޝީލްޑް މެޗަށްފަހު މާ އަވަހަށް ލީގު މެޗަށް ނިކުންނަށް ޖެހުމުން އުނދަގޫވި: ހެނާންޑޭޒް


މާޒިޔާއަށް ދިމާވި މައްސަލައަކީވެސް ޗެރިޓީ ޝީލްޑް މެޗަށްފަހު މާ އަވަހަށް ލީގު މެޗަށް ނިކުންނަށް ޖެހުން ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން 5-1 ގެ ނަތީޖާއަކުން ހޯދި މޮޅަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ލީގުގެ ފުރަތަމަ މެޗުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ތިބީ ވަރަށް ވަރުބަލިވެފައި ކަމަށެވެ. ގާތްގާތުގައި ޝީލްޑް މެޗާއި ލީގު މެޗު ކުޅެން ޖެހުމުން އުނދަގޫވި ކަމަށް އީގަލްސްގެ ކޯޗު އަހުމަދު ނިމާދުވެސްވަނީ ބުނެފައެވެ.

ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ހެނާންޑޭޒް ބުނީ އެޓީމުގެ ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކުޅުންތެރިންކަމުން ލީގުގެ ކުރިން ގައުމީ ޓީމު ކުޅުނު މެޗުތަކަށްފަހު ލީގަށް ނިކުތްއިރު ގިނަ ކުޅުންތެރިން ތިބީ ވަރުބަލިވެފައި ކަމަށެވެ. އެހެންނަމަވެސް މާޒިޔާގެ އަމާޒަކީ ހުރިހާ މެޗެއްގައި މޮޅުވުންކަމަށާއި، ފުރަތަމަ މެޗުގައިވެސް ވަރަށް ބޮޑަށް ކުޅުންތެރިން މަސައްކަތްކުރި ކަމަށެވެ. އަދި ޓީމާއިމެދު ހިތްހަމަޖެހޭ ކަމަށާއި، ދެވަނަ ހާފުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާމެދުވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

މާޒިޔާއިން ދެވަނަ މެޗުގައި ރަނގަޅަށް ކުޅޭނެ ކަމަށާއި، ހުރިހާ މެޗެއްގައިވެސް އިދިކޮޅު ޓީމު ރަނގަޅަށް ދަސްކޮށްގެން ވަރުގަދަ ހަމަލާތަކެއް އުފައްދާނެ ކަމަށް ހެނާންޑޭޒް ބުންޏެވެ. ލީގުގައި ރިލެކްސް ކުރާނެ ވަގުތެއް ނެތްކަމަށާއި، އެއްވެސް ގޯހެއް ނަހަދާ ގިނަ ގޯލުތައް ކާމިޔާބުކުރަން މާޒިޔާއަށް އެބަޖެހޭކަމަށާއި، ހުރިހާ މެޗަކަށްވެސް ނިކުންނާނީ ގިނައިން ސްކޯ ކުރަން ވިސްނައިގެން ކަމަށް ހެނާންޑޭޒް ބުންޏެވެ.

މާޒިޔާއިން ލީގުގެ ދެވަނަ މެޗުގައި މިރޭ ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
މާޒިޔާއަކީ އެންމެ ފަހުގެ ލީގު ޗެމްޕިއަނެވެ.