ޚަބަރު

އޮޑި ސްޕޯޓްސްއިން ޖެހިލުންވާ ޓީމެއް ނެތް، ކުޅުންތެރިންގެ ކިބައިގައި ފެންވަރު އެބަހުރި: ގާސިއާ


އެއްވެސް ޓީމެއް ދެކެ ޖެހިލުންނުވާ ކަމަށާއި، ހުރިހާ ޓީމަކާއި ވާދަކޮށް މޮޅުވުމުގެ ފުރުސަތު އެބައޮތް ކަމަށް އަދި ކުޅުންތެރިންގެ އެ ފެންވަރު އެބަހުރި ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑިން ކުޅުނު ފުރަތަމަ މެޗަށްފަހު ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އޮޑީގެ ކޯޗު ބުނީ ފުރަތަމަ މެޗުގައި ގޭމްގެ ތެރެއަށްވަދެ ރަނގަޅު ޓެމްޕޯއެއް ގެންނަން ޓީމަށް ވަގުތު ބޭނުންވި ކަމަށެވެ.

ސްޕެއިންގެ ތަޖްރިބާކާރު ކޯޗު އަންދްރޭސް ބުނީ އެ މެޗުގެ ދެވަނަ ހާފްގައި އިތުރު ލަނޑުޖަހާނެ ފުރުސަތުތައް އޮޑިއަށް ލިބުނު ކަމަށާއި އެ މެޗަކީ ތާރީހީ މެޗެއް ކަމަށެވެ.

"އަހަންނަށް ހީވަނީ މިއީ ތަރީހީ ދުވަހެއްހެން. ސަބަބަކީ މިއީ އޮޑިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗު. އަހަރެން މިހިރީ ނަތީޖާއާއި މެދު ވަރަށް ހިތްހަމަޖެހިފަ" އަންދްރޭސް ބުންޏެވެ.

ދިވެހި ޕްރިމިއާ ލިގުގައި ވާދަކުރާ ކުލަބުތަކަކީ ވަރުގަދަ ކުލަބުތަކެއް ކަމަށާއި އެހެންނަމަވެސް އޮޑިން މަސައްކަތް ކުރާނީ ހުރިހާ ކުލަބެއްގެ އަތުން މޮޅުވާން ކަމަށް އަންދްރޭސް ބުންޏެވެ.

ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި އޮޑި ސްޕޯޓްސް ކުލަބުން ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އޮޑިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ލޫތު އިބްރާހިމް އެވެ. މެޗުގެ 52 ވަނަ މިނިޓުގައި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން އެވެ. މެޗުގެ 76 ވަނަ މިނިޓުގައި އޮޑީގެ އަހުޒާމް ރަޝީދު ވަނީ އޭރިޔާތެރެއިން ލިބުނު ފުރުސަތެއްގައި ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ހަތަރު ވަނަ ލަނޑު އޮޑިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން މިނިޓެކަށް ވެފައިވަނިކޮށް އަހުޒަމް ދިން ބޯޅައަކުން މުޒްދާން ހަސަން އެވެ.

ލީގުގައި އޮޑި ދެން ނުކުންނާނީ އަންނަ ހުކުރު ދުވަހު ވެލެންސިޔާއާއި ދެކޮޅަށެވެ.