ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މިއަހަރުގެ ނިޔަލަށް ހަވާލުކޮށް، އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގައި އިތުރު 100 ހައުސިން ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމުގެ ފުރުޞަތު ދެއްވާފައެވެ.
ރަށުގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކޮޅުފުށީގައި މިހާރު ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްގެން މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ ޙާއްސަ އިސްކަމެއް ދީގެން ކޮޅުފުށީ ހައުސިން ޔުނިޓްތަކަށް ވީހާވެސް އަވަހަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސަވާނެކަމަށެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަގު 5000 ރުފިޔާއިން 3333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާކަމަށެވެ.
"މިރަށަށް ގެދޮރުވެރިކަމުގެ އިތުރު މަސައްކަތްތައް ބެނުންވޭ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިން ޔުނިޓް މިރަށުގައި ފަށާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން. އަމިއްލަ ގޯތީގަ މި މަޝްރޫއުގެ ދަށުން އަޅަން ބޭނުންވާ މީހުންނަށްވެސް އެ ފުރުޞަތު ދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫޢުއަކީ ރަށުގެ ޢުމްރާނީ ތަރައްޤީއާ އަދި ރަށުގެ އިޤްތިޞާދާވެސް ގުޅިފައިވާ މުހިންމު މަސައްކަތެއްކަމަށެވެ. މީގެއިތުރުން ރަށުގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް އިތުރު ޖަނަރޭޓަރު ސެޓެއް ގެނެސްދެއްވާނެކަމަށާއި، އަދި ސްކޫލްގައި ލައިބްރަރީއާ ހެލްތް ރޫމް ހިމެނޭހެން އިތުރު ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ ރަށު ރައްޔިތުން ވަނީ އެ ރަށް ހިމެނޭ ސަރަޙައްދުގައި ހުއްޓިފައިވާ ޓުއަރިޒަމް މަޝްރޫޢުތައް އަވަސްކޮށްދިނުމަށް އެދިފައެވެ. ރައީސް ވަނީ އެކަމާ ގުޅޭ އެގްރިމަންޓްތައް ބަލާ، ވިހާވެސް އަވަހަށް މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރަށުގައި ފުޓުބޯޅަ ދަނޑާ، ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަށުގެ ރައްޔިތުން ވަނީ ރަށުގައި ތިބެގެން މަތީ ތަޢުލީމަށް ކިޔެވޭނެ ފަސޭހަ ފުރުޞަތުތައް ހޯދަދިނުމަށްވެސް ރައީސް އަރިހުގައި އެދިފައެވެ. ރައީސް ވަނީ މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.