ޚަބަރު

ނާލާފުށީގެ ބިންހިއްކައި، ކޯޒްވޭ މަސައްކަތުގެ ސްޕީޑް އަވަސްކޮށް ނިންމައިދޭނަން: ރައީސް


  • ރައީސް ވަނީ ރަށަށް މުހިންމު މަޝްރޫޢުތަކެއް އިޢުލާނުކުރައްވާފަ

  • ރައްޔިތުން ބޭނުންވާ ތަރައްޤީ ގެންނަވާނެކަމަށް ވިދާޅުވި

ނާލާފުށީގެ ބިންހިއްކައި، މުލި - ނާލާފުށި ކޯޒްވޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢުއްޒު ވިދާޅުވެއްޖެއެވެ.

ނާލާފުށީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށަށް އެންމެ މުހިންމުވެފައިވާ މަޝްރޫޢުތައް އިޢުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީރައްޖޭގެ އެހެން ބައެއް ރަށްތަކޭއެއްފަދައިން ބިން ފުރި، ބިމުގެ ދަތިކަމުގެ މައްސަލައަކީ ނާލާފުށްޓަށްވެސް މިވަގުތު ދިމާވެފައިވާ ދަތިކަންކަމަށެވެ. އޭގެ ސަބަބުން ގެދޮރުވެރިކަމާ އިޤްތިޞާދީ ކުރިއެރުމަށްވެސް ހުރަސްއެޅިފައިވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ މިދަތުރުޅުގެ ތެރެއިން ސޮއިކުރި ބަނދަރުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢާއި، ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެކުއެކީގައި ކުރިއަށްގެންދެވުމަށް ސަރުކާރުން ނިންމެވީކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުލި-ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެވެސް ސްޕީޑް އަވަސްކޮށް، ވީހާވެސް އަވަހަށް ނިންމަވައިދެއްވާނެކަމަށް ރައީސް ދާޅުވިއެވެ.

"ބިންހިއްކުމުގެ މަޝްރޫޢުގައި މިހާރު މިރަށުގެ ބިމަށްވުރެ ބޮޑު ބިމެއް ހިއްކޭނެ. މިހާރު ރަށުގެ ބޮޑުމިނަކީ 12 ހެކްޓަރު، އަދި އިތުރުކުރާނަން 15 ހެކްޓަރު. އެހެންވީމަ ކޯޒްވޭގެ މަސައްކަތާއި ބިންހިއްކުމާއި މި މަސައްކަތްތައް މި އަހަރު ބާރު ސްޕީޑްގައި ފަށައިގަނެ ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދުނުގޮތަށް ފެނާއި، ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތްވެސް އަވަހަށް ނިންމައިދީ، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުން ގެންނަވާނެކަމަށެވެ.

މީގެއިތުރުން ފުލުހުންގެ އިމާރާތާ، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، ސްކޫލަށް ޖާގަ އިތުރުކުރުމަށް ފަށާފަވާ މަސައްކަތްވެސް، އަންނަ ދިރާސީ އަހަރަށް ނިންމަވާނެކަމަށް އެމަނިކުފާނެ ވިދާޅުވިއެވެ.

ނާލާފުށީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އަމަލީ މަސައްކަތްވެސް ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭގައި ފަށައި، އެ އެތަނުގައި 4 އެނދުގެ އިމަރޖެންސީ ރޫމަކައި، ލެބޯޓްރީއާ އަދި އެނޫންވެސް މުހިންމު ޚިދުމަތްތަކެއް ޤާއިމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ ރަށުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދެއްވަނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރޮސްޓްރަމްއާއެކު ފުޓްބޯޅަ ދަނޑު ޑިޒައިންކޮށްފަވާއިރު، އެތަން ތަރައްޤީކުރާނީ ހޭންބޯލް ކުޅުމަށްވެސް ބޭނުންކުރެވޭ ދަނޑެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ކުނި މެނޭޖުކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުން އުއްމީދުކުރާ ތަރައްޤީ ޙާސިލްކޮށްދެއްވާނެކަމަށާއި، މިހާރު މި ފެށިގެންދާ މުހިންމު މަޝްރޫޢުތައް ނިންމައި، އެކަން ފާހަގަކުރެއްވުމަށް މާލަސްތަކެއް ނުވެ ރައްޔިތުންނާ ބައްދަލުކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.