ޚަބަރު

1967 ވަނަ އަހަރަށް ފަހު އދގެ ބައްދަލުވުންތަކުގައި ސޫރިޔާ ތަމްޞީލުކުރައްވާ ފުރަތަމަ ވެރިޔަކަށް ޝަރާޢު


މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް، ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު، އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންފިއެވެ.

ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، މިއީ 1967 ވަނަ އަހަރަށް ފަހު، އދގެ ބައްދަލުވުންތަކުގައި ސޫރިޔާގެ ވެރިޔަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.

މިގޮތުން، މާދަމާ ފެށުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ ބަހުސްގައި، ޝަރާޢު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެޗްޓީއެސުން އަސްކަރީ ބަޣާވާތެއްކޮށް ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.

އެޗްޓީއެސަކީ ކުރިން އަލް-ނުޞްރާ ފްރަންޓުގެ ނަމުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަމާޢަތެކެވެ. އެއީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ ގުޅުން އޮތް ގުރޫޕެކެވެ. ނަމަވެސް، 2016ވަނަ އަހަރު އަލް-ނުޞްރާ ފްރަންޓުން ވަނީ އަލް-ޤާޢިދާއާ ފެޔަށް ޖެހި، ގުޅުން ކަނޑައިލާފައެވެ.

ނަމަވެސް، މިދިޔަ ޖުލައި މަހުގެ ތެރޭގައި، ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް ވަނީ އުނިކޮށްފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނީ، ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފައި ވަނީ، ސޫރިޔާގެ އަހުލީހަނގުރާމައަށް ފަހު އެ ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަގުކޮށައިދިނުމުގެ ގޮތުން ކަމުގައެވެ. މި ގޮތުން، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް ވެސް އެމެރިކާއިން ވަނީ އުވައިލާފައެވެ.

އެއާ އެކު، ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި އަލުން ބައިވެރިވުމުގެ ފުރުޞަތު ސޫރިޔާއަށް މި ވަނީ ހުޅުވިފައެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުން ސޫރިޔާ އެކަހެރިކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް މި ވަނީ މަގުފަހިވެގެން ގޮސްފައެވެ.