ޚަބަރު

ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވާލުމުގައި ރައްޔިތުން ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފި


  • މި ޕްލޭނަށް ހުރިހާ ރަށަކުން ރައްޔިތުންގެ ޚިޔާލު ހޯދާނެ

  • ދެމެހެއްޓެނިވި ޚިޔާލުތައް ހުށައެޅުމަށް ރައީސް އެދިލެއްވި

  • މިއީ ރާއްޖެ ތަރައްޤީވެފަވާ ޤައުމަކަށްވުމަށް ކުރާ ދަތުރުގެ މުހިންމު މަސައްކަތެއް

ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ހުރިހާ ރަށެއްގެ، ރައްޔިތުންގެ ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މ.މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުލަކުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ތަސްވުރަކީ 2040 ވަނަ އަހަރަށްދާއިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ވާސިލުވެ، ދުނިޔޭގެ ކުރިއަރާފަވާ ޤައުމުތަކާ ދިވެހިރާއްޖެ ފައިހަމަކުރުންކަމަށެވެ. އަދި އެކަމަށް ވާސިލުވެވޭނީ އާބާދީއަށް ބެލުމެއް ނެތި ރަށްތަށް ތަރައްޤީވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންނާ ކައުންސިލްތަކުގެ ފުރިހަމަ މަޝްވަރާއާ ބައިވެރިވުން މި ޕްލޭނަށް ބެނުންވޭ. ބޭނުންވަނީ ރައްޔިތުން ބޭނުންވާ މިސްރާބަށް ރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނަން. ސިޔާސީ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ ތަރައްޤީ އެކޮޅުކޮޅުން ޖެހިގެން ދާކަށް. އެހެންވީމަ މި ޕްލޭން ލިޔެބި ޤާނޫނީ ބާރުވެރިކަން ދީ ޙިމާޔަތްކުރަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އިއުލާންކުރައްވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢުއަކީވެސް ޤައުމީ ތަރައްްޤީގެ ޕްލޭންގެ ވަރަށް ބޮޑު ބައެއްކަމަށެވެ. އެގޮތުން އެ މަޝްރޫޢުގެ ތެރެއިން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލުމާ، ދެ ފުއް ފެންނަ ނިޒާމެއް ޤާއިމުކުރެވިގެންދިއުމަކީ، ކޮރަޕްޝަން ހުއްޓުވި ރައްޔިތުންގެ އިތުބާރު ސަރުކާރާމެދު ދެމެހެއްޓޭނެ އެންމެ މުހިންމު މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

"ކައުންސިލްތައް، މިނިސްޓްރީތައް، ބެންކިން ނިޒާމު، ކުންފުނިތައް އަދި ޖުޑީޝަރިގެ ޚިދުމަތްވެސް ގުޅާލެވި، ދެފުއްފެންނަ ގޮތުގައި ޚިދުމަތްތައް ބައްޓަންވާނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2027 ވަނަ އަހަރު އަދި 2028 ވަނަ އަހަރުގެ ކުރީކޮޅު، ބަޖެޓުގައި ހިމަނުއްވައިގެން މޯލްޑިވްސް 2.0 މަޝްރޫޢުގެ ވަރަށް މުހިންމު މަސައްކަތްތައް ކުރެވިގެންދާނެކަމަށެވެ. އަދި އެ ނިޒާމުވެގެންދާނީ ރައްޔިތުން ހުރިހާ ޚިދުމަތްތަކެއް ހޯދުމަށް ބަރޯސާވެވޭ ނިޒާމަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން 20 އަހަރުގެ ތަރައްޤީގެ ޕްލޭން ސަރުކާރުން ފައިނަލްކޮށް ތަންފީޒުކުރާނީ، ރައްޔިތުންގެ ފުރިހަމަ ރުހުމުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާ އަންނަ ޖެނުއަރީމަހު އިފްތިތާހުކުރާނެއެވެ. އަދި އެ ޕްލޭން ރައްޔިތުންނާ ޙިއްސާކޮށް، ޕްލޭން ފައިނަލް ކުރާނީ ރައްޔިތުންގެ ފުރިހަމަ ރުހުން ލިބިގެންކަމާށާ، ޖުލައިމަހު ޕްލޭންއަށް ޢަމަލުކުރަން ފެށުމަކީ ޢަމާޒުކަމަށް ސަރުކާރުން ހާމަކުރައްވައެވެ.