ޚަބަރު

ވޭވަށު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދޭނަން: ރައީސް


  • ރައީސް ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައި

  • ރަށަށް މުހިންމު ގިނަ ކަންތައްތަކެއް ރައްޔިތުން ހުށައެޅި

ވޭވަށުގެ ރައްޔިތުން ހުށައެޅި ޝަކުވާތައް ބައްލަވާ، ރަށުގައި ހުރި މައްސަލަތަކަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޭވަށަށް ވަޑައިގެން ވަނީ ޚިޔަލު ހޯދުމުގެ މަޝްވަރަ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ވަނީ ގިނަ ކަންތައްތަކެއް ރައީސަށް ހުށައަޅާފައެވެ.

ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހް ވަހީދު ވިދާޅުވީ ރަށަކީ ފުދުންތެރި ރަށަކަށްހެދުމަށް، ކައުންސިލްއަށް އާމްދަނީ އިތުރުކުރުމަށް އަތޮޅުގެ ބައެއް އެހެން ރަށްތައް އެކުވެގެން އިންޓަރގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް ދުބާއީގެ ކުންފުންޏަކާއެކު މަޝްރޫޢުއެއް ފަށާފަވާކަމަށެވެ. އެގޮތުން ރަށުން ދެ ހެކްޓަރު ބިމެއް ދޫކޮށް 320 ކޮޓަރީގެ މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް ރާވާފަވާއިރު، 85 ކޮޓަރި ފަތުރުވެރިކަމަށް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށާފަވާކަމަށްއޭނާ ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އެ މަސައްކަތް ފެށީ ކަމާ ގުޅޭ އިދާރާތަކުގެ ލަފައާއެކު ނަމަވެސް، މިހާރު އެކަން އޮތީ ސަރުކާރުގެ ތެރެއިން މަޑުޖެހުމަކަށް އައިސްފަކަމަށެވެ. އެހެންކަމުން އެކަމަށް އަވަސް ޙައްލެއް ހޯދައިދނުމަށް އޭނާ އެދިވަޑައިގަތެވެ.

"މި މަޝްރޫޢު ގެންދެވިއްޖެނަމަ ކުރިއަށް އޮތް 3 އަހަރުތެރޭ މުޅި އަތޮޅަށް ބޮޑު ކުރިއެރުމެއް އަންނާނެ. ފްލައިޓް ދަތުރުތައް އިތުރުކުރެވޭނެ. އަދި ދަތުރުދާނެ 4 ހެކްޓަރުގެ ރަށެއް ތަރައްޤީކުރުންވެސް މަޝްރޫޢުގަ ހިމެނޭ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ފުޓްސަލް ދަނޑެއް ނެތުމާ އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ހުއްޓިފަ އޮތުމާ، ކުޅިވަރު ވަސީލަތްތައް ތަރައްޤީކޮށްދިނުމަށް ރަށުގެ ރައްޔިތުން ވަނީ ރައީސް އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގައި ފުޓްސެލް ދަނޑެއްގެ މަސައްކަތް މިއަހަރު ފަށާނެކަމަށާއި އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކޮށް ވީހާވެސް އަވަހަށް ނިންމަވައިދެއްވާނެކަމަށެވެ. މީގެއިތުރުން ވޮލީ ކޯޓު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ދެމަހެއްހާ ދުވަހުން ނިންމާ ޚިދުމަތް ފައްޓަވާނެކަމަށެވެ.

"ޓުއަރިޒަމް މަޝްރޫޢުގެ ކަންކަން ބަލާ، ކަމާ ގުޅުންހުރި ވުޒާރާއާއެކު މަޝްވަރާކޮށް އެކަން ހިނގާފަވާގޮތަށް ބަލައިދޭނަން. އަދި ރަށުގެ ސްކުލްގެ މަސައްކަތް މިއަހަރު ފެނަކައާ ހަވާލުކޮށް އަންނަ ދިރާސީ އަހަރަށް ނިންމަނަން." ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކަމާގުޅުންހުރި ވުޒާރާއަކާ، ކުންފުނިތައް ގުޅިގެން ރައްޔިތުން ހުށައެޅި ކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށެެވެ.