ޚަބަރު

ރަޝިޔާގެ ނުރައްކާ ބޮޑުވެ އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޕޮލެންޑުގެ ވައިގެ ސަރަޙައްދު ބަލަހައްޓަނީ


ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެމްބަރު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެ އިއްތިޙާދުގެ އިރުމަތީ ބިތުގައި އޮތް ޤައުމުތަކުގައި ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޕޮލެންޑުގެ ވައިގެ ސަރަޙައްދު ބަލަހައްޓަން ފަށައިފިއެވެ.

އިރުމަތީގައި އޮތް ނޭޓޯގެ މެންބަރު ޤައުމުތަކުގެ ދިފާޢު ވަރުގަދަ ކުރުމަށް އެ އިއްތިޙާދުން ނިންމާފައި މި ވަނީ، ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް އަސްކަރީ ޑްރޯންތަކެއް ވަތް ހާދިސާއަކާ ގުޅިގެންނެވެ.

މީގެ ދެ ދުވަސް ކުރިން ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް އަސްކަރީ ޑްރޯންތަކެއް ވަނުމާ އެކު، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އެ ޑްރޯންތަކަށް ޙަމަލާދީ، ދިފާޢުކޮށް، ވައްޓައިލާފައެވެ. މިއީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން މި ފަދަ ހާދިސާއެއް ހިނގާފައިވާ ފުރަތަމަ ފަހަރެވެ. ރަޝިޔާއާއި ޔޫކްރެެއިނާ ދެމެދު ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު، ޖޯން ހީލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން، ނޭޓޯގެ މެމްބަރު ޤައުމުތަކުގެ ވައިގެ ސަރަޙައްދު ދިފާޢު ކުރުމުގައި އެ އިއްތިހާދުން ފަހަތަށް ނުޖެހޭނެކަމުގެ ސާފު މެސެޖެއް ދެވިފައިވާ ކަމަށެވެ.

ރަޝިޔާއިން ބުނެފައިވާ ގޮތުގައި، ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް އެތެރެވެފައި ވަނީ، ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިންގެ އަމާޒުތަކަށް ޙަމަލާތަކެއް ދެމުން ދިޔަ ވަގުތެއްގައެވެ. އަދި، ޕޮލެންޑަށް ޙަމަލާއެއް ދިނުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައި ވެސް ރަޝިޔާއިން ހާމަކުރިއެވެ.

ޕޮލެންޑުން ޤަބޫލު ކުރާ ގޮތުގައި، ރަޝިޔާއިން އަސްކަރީ ޑްރޯންތަކެއް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ފޮނުވާފައި ވަނީ ގަސްދުގައެވެ. އަދި، އެެއީ ޕޮލެންޑާއި ނޭޓޯގެ ދިފާޢީ ނިޒާމުގެ ޤާބިލު ކަން ވަޒަން ކުރުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއްގެ ގޮތުގައި ޕޮލެންޑުން ސިފަކުރިއެވެ.

އެއާއެކު، ނޭޓޯގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އިރުމަތީ ބިތުގައި އޮތް ޤައުމުތަކުގެ ދިފާޢު ވަރުގަދަ ކުރުމުގެ ގޮތުން 'އީސްޓަން ސެންޓްރީ'ގެ ނަމުގައި އޮޕަރޭޝަނެއް ފެށުމަށް އެ އިއްތިހާދުން ވަނީ ނިންމައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން އުތުރުގައި އޮތް ބޮލްޓިކްގެ ޤައުމުތަކުން ފެށިގެން ދެކުނުގައި އޮތް ރޮމޭނިޔާއާއި ބުލްގޭރިޔާއާ ހަމައަށް ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި ގޮތުން، އިތުރު އަސްކަރީ މަތިންދާބޯޓުތަކާއި ވައިގެ ދިފާޢީ ނިޒާމުތައް އެ ޤައުމުތަކަށް ފޮނުވައި، އިތުރު އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް، އިތުރު ސިފައިން ފޮނުވުމަށް ނޭޓޯން ވަނީ ނިންމާފައެވެ.