ޚަބަރު

ފ. މަގޫދޫ ކައުންސިލުގެ އައު އިމާރާތުގެ ބިންގާއަޅައިފި


  • ބިންގާ އަޅުއްވައިދެއްވީ ވަޒިރު އާދަމް ޝަރީފު ޢުމަރު

  • މި މަޝްރޫއު ހަވާލު ކޮށްފައިވަނީ އާރުސީސީއާ

ނިލަންދެއަތޮޅު އުތުރުބުރި މަގޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާއަޅައިފިއެވެ.

މަގޫދޫގެ ކައުންސިލް އިދާރާގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަގޫދޫގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މަގޫދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އަރިހުގައި އެ ދާއިރާގެ މެންބަރާއި އެ ރަށުގެ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަގޫދޫގެ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.

އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއެރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.