ޚަބަރު

ކުޅިވަރުގެ ގިނަ ވަސީލަތްތަކާއެކު ދަރަނބޫދޫއަށް އިތުރު ތަރައްޤީ ގެންނާނަން: ރައީސް


  • ކުޅުވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ވަޢުދުތައް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވި

  • ތަރައްޤީގެ 3 މަޝްރޫޢުއެއް ރަށުގައި ވަނީ ފަށާފައި

ދަރަނބޫދޫއަކީ ކުޅިވަރުގެ ރަށަކަށްވުމާއެކު ކުޅިވަރުގެ ގިނަ ވަސީލަތްތަކާއެކު ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްރޫއުތަކެއް މި ދަޢުރުގައި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިޢްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަަރަނބޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާޏުގެ މިދަތުރުފުޅުގެ ތެރެއިން ދަރނަބޫދޫގައި ފެށި ސިއްޙީ މަރުކަޒުގެ އައި އިމާރާތުގެ މަސައްކަތް ނިމޭއިރު، ރަށަށް މުހިންމުވެފައިވާ ސިއްޙީ ފަރުވާގެ ޚިދުމަތެއް ޤާއިމުކުރެވޭނެކެމަށެވެ. އަދި މިވަގުތަށްވެސް ސިއްޙީ މަރުކަޒަށް ނަރުހެއްގެ ޚިދުމަތް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ހެލްތް ސެންޓަރުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދެއްވަނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދޫގައި ކުޅިވަރު މުހިންމު ވަސީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުޓުބޯޅަ ދަނޑާ، ވޮލީކޯޓާ އަދި ޔޫތް ސެންޓަރުގެ މަސައްކަތްވެސް ފުރިހަމަ ކޮށްދެއްވާނެކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެތްލީޓުން ގިނަ ރަށަކަށް ދަރަނބޫދޫވުމާއެކު، އެރަށުގައި ޓްރެކެއްވެސް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެވަސީލަތްތައް ތަރައްޤީކުރާނީ ރޭގަނޑުވެސް ބޭނުންކުރެވޭގޮތަށްކަމަށެވެ.

"މިރަށުގައި މި ތަރައްޤީކުރަންފެށި ފިޓްނަސް އެންޑް ރެކްރިއޭޝަނަލް ފެސިލިޓީއާއެކު އައުޓް ޑޮރ ވޮލީކޯޓެއްވެސް އަޅާނަން. އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފާށާނަން. އަދި ރަށަކީ ބެޑްމިންޓަންއަށް ވަރަށް ޝަޢުގުވެރިކަން ބޮޑު ރަށަކަށްވުމާއެކު، އެ ފެސިލިޓީވެސް އިތުރުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ޚިދުމަތް ރަށުގައި ތަރައްޤީކުރުމަށް، ފުލުހުންގެ އިދާރާގެ އިމާރާތެއް އަޅައިދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ދަރަނބޫދޫ ސްކޫލަށް ޖާގަ އިތުރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ސަކޫލްއަށް މަލްޓިޕަރޕަސް ހޯލަކާ، 3 ކްލާސްރޫމް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މީގެތެރެއިން މަޝްރޫޢުތައް ހިމަނުއްވާނެކަމަށެވެ.
ދަރަނދޫއަކީ 600އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ.