ވައިގެ ބަނދަރުތަކުގައި ޗެކް-އިން ވުމަށް އަދި ބޯޑިންގއަށް ބޭނުންކުރާ ނިޒާމުތަކަށް އަމާޒުކޮށް ދީފައިވާ ސަައިބަރ ޙަމަލާއެއްގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ވިލާތުގެ ގިނަ ވައިގެ ބަނދަަރުތަކުން ފުރައި ޖެއްސުމަށް ހަމަޖެހިފައިވާ ފްލައިޓުތައް ލަސްވެއްޖެއެވެ.
ވައިގެ ބަނދަރުތަކުގައި ޚިދުމަތް ދިނުމަށް ބޭނުންކުރާ ސޮފްޓްވެއަރއަކަށް ދީފައިވާ މި ޙަމަލާގެ ސަބަބުން ގިނަ ވައިގެ ބަނދަރުތަކަކުން ދެމުން އައި ބައެެއް ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ސައިބަރ ޙަމަލާގެ އަސަރުކުރި ވައިގެ ބަނދަރުތަކުގެ ތެރޭގައި ލަންޑަންގެ ހީތުރޯ ވައިގެ ބަނދަރު ވެސް ހިމެނެއެވެ.
ސައިބަރ ޙަމަލާގެ ސަބަބުން ހީތުރޯއާއި ބަރލިންއާއި ބްރަސެލްސްގެ ވައިގެ ބަނދަރުތަކުގައި މިހާތަނަށް 29 ފްލައިޓެެެއް ވަނީ ކެންސަލްކޮށްފައެވެ. ދުނިޔޭގެ ގިނަ ޢަދަދެއްގެ ވައިގެ ބަނދަރުތަކުގައި ބޭނުންކުަރާ ޗެކް-އިން އަދި ބޯޑިންގ ނިޒާމުގެ ޚިދުމަތްދޭ ކޮލިންސް އެއޮރޯސްޕޭސުން ބުނީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ވައިގެ ބަނދަރު އަދި ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއްް ވައިގެ ބަނދަރުކަމުގައިވާ ހީތުރޯ ވައިގެ ބަނދަރަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ ފުލައިޓުތައް ފުރާ ގަޑި ލަސްވެފައިވާ ކަމަށެވެ. އެ ކުންފުނިން މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮލިންސް އެއޮރޯސްޕޭނުން ބުނެފައިވެެއެވެ.
އެމެރިކާގެ އަސްކަރީ ކުންފުންޏެއް ކަމަށްވާ ކޮލިންސް އެއޮރޯސްޕޭސްގެ ބެލެނިވެރި ކުންފުންޏަކީ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ އާރުޓީއެކްސް ކޯޕޮރޭޝަނެވެ. އެ ކުންފުނިން ބުނީ ސައިބަރ ޙަަމަލާއަކާ ގުޅިގެން ޚިދުމަތަށް ބުރޫ އަރާފައިވާ ކަން އެނގިފައިވާ ކަމަށާއި، ކޮމްޕިއުޓަރު މެދުވެރިކޮށް ޗެކް-އިންކޮށް ބޯޑު ނުކުރެވުނު ނަމަވެސް މި ވަގުތަށް އެ ނޫން ގޮތްގޮތަށް ޗެކް-އިން ވެވޭނެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށެވެ.