ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެލިދެއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވ. ފެލިދޫގައި ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވައިފިއެވެ.
ފެލިދޫ އައުޓްޑޯ ޖިމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފެލިދޫގައި ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވާ ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި ކުޅިވަރު ވަޒީރު ވަނީ އެތަނުގައި ހުރި ކަސްރަތު ކުރާ މެޝިންތައް ބައްލަވާލައްވާފައެވެ.
ފެންވަރު ރަނގަޅު އައުޓްޑޯ ކަސްރަތަށް ހާއްސަ މެޝިންތަކާއެކު ގާއިމުކޮށްފައިވާ މި އައުޓްޑޯ ޖިމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުންކުރެވޭހެން ތަރައްޤީކޮށްފައިވާ ތަނެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ކުޅިވަރުގެ ދާއިރާއާއި ސިއްހީ ދާއިރާއަކީ ވަރަށް މުހިންމު ދެ ދާއިރާކަމަށެވެ. އަދި މި ދެ ދާއިރާއިން މަޝްރޫއުތައް ކުރިޔަށް ގެންދިއުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަނީ ފެލިދޫގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. މިއީ އަތޮޅުތަކުގެ ރަށެއްގައި ގާއިމުކުރާ އެންމެ ފެންވަރު ރަނގަޅު އެއް ސްޕޯޓްސް ކޮމްޕްލެކްސްއަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ފެލިދޫ ކައުންސިލުން އެދިފައިވަނީ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރެވިގެންދާއިރު އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކުޅިވަރު ފެސިލިޓީތަކާއި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އެއް ސަރަހައްދެއްގައި ގާއިމު ކޮށްދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ފެލިދޫގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާއިރު މިތަން އިމާރާތް ކުރާނީ ބޮޑަތި ޖާގަތައް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ ގޮތަށެވެ.