ޚަބަރު

ކްލެސިކް: ރޭގެ މެޗުތައް ކާމިޔާބުކުރީ ބިނާރާ، އެމްސީއެލްޕީ، އެމްއެމްއޭއެސްސީ، ކްރިމިނަލް ކޯޓު


ކްލަބް މޯލްޑިވްސް ކްލެސިކްގައި ކުލަބު ބިނާރާ އާއި ބަންޑާރަ ޓީމު ކުޅުނު މެޗު 3-0 ލަނޑުން ބިނާރާއިން ކާމިޔާބު ކޮށްފިއެވެ.

ކުލަބު ބިނާރާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ބިނާރާ ޓީމުގެ އިރުފާދު އޭރިޔާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބާރުގެ ހަމަލާއަކުންނެވެ. ބަންޑާރަ ޓީމުންވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ބިނާރާ ޓީމުގެ ކީޕަރު ވަނީ ހުރިހާ ހަމަލާއެއްވެސް މަތަކޮށްފައެވެ.

ބިނާރާ ޓީމުގެ ދެވަނަ ގޯލަކީ އަނޫފް ދިން ޕާހަކުން ނައްސާހު ގޯލުގެ އަރިމަތީގައި ހުރެ ފޮނުވާލި ބޯޅަ ބަންޑާރަ ޓީމުގެ ޝަހުދާން އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ބިނާރާ ޓީމަށް ތިންވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ވިޝާލް ދިން ޕާހަކުން ނައްސާހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ، ކްލެސިކް މޭން އަކީ އިރުފާދެވެ.

ތައުލީމީ ގުޅުން އަދި މީރާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ތައުލީމީ ގުޅުމަށް ގޯލެއް ކާމިޔާބުކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި އެހެންނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މީރާއިންވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މީރާއަށްވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދަރުމަވަންތަ އާއި ކުލަބު އެމްސީއެލްޕީ ބައްދަލުކުރި މެޗު ކާމިޔާބުކުރީ 2-1 ކުލަބު އެމްސީއެލްޕީއެވެ. މި މެޗުގެ 11 ވަނަ މިނިޓްގައި ދަރުމަވަންތައިގެ އިސްމާއިލް އަރީޝް ވަނީ މެޗުގެ ފުރަތަމަ ލަނޑުޖަހާ ދަރުމަވަންތައަށް ލީޑް ނަގައިދީފައެވެ.

އެހެންނަމަވެސް މެޗުގެ 27 ވަނަ މިނިޓްގައި ކުލަބު އެމްސީއެލްޕީގެ ހަސަން ހިޒާމް އަހުމަދު ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަކޮށްދީފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން މެޗުގެ 39 ވަނަ މިނިޓްގައި އަލީ ރިޒާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ލީޑު އެސީއެލްޕީން ހޯދިއެވެ. ޖެހިގެންއައި މިނިޓްގައި އަނެއްކާވެސް އަލީ ރިޒާވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ 2-1 ބަދަލުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ، ކްލެސިކްމޭންގެ މަގާމު ހޯދީ ރިޒާއެވެ.

ޕެމާ އަދި އެމްއެމްއޭއެސްސީ ބައްދަލުކުރި މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުން އެމްއެމްއޭއިންނެވެ. އެމްއެމްއޭއެސްސީއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު މޫމިން، އަބުދުﷲ ނާސިފް، އަލީ ޔަޒީދު އަދި އުނައިސް ޒުބެއިރުއެވެ. ޕެމާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދުﷲ މުހައްމަދު ސަދަތްއެވެ.

ކްރިމިނަލް ކޯޓު އަދި ޕީއެސްއެމް ބައްދަލުކުރި މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްރިމިނަލް ކޯޓުންނެވެ. މިި މެޗުގެ ފުރަތަމަ ހާފްގައި ކްރިމިނަލް ކޯޓުގެ ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ލީޑް ނަގައިދިނީ އައުސަމްއެވެ. އެޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔައިޝްއެވެ. ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޝާއިފްއެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝާއިފްއެވެ. ކްރިމިނަލް ކޯޓަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައުސަމްއެވެ. އަދި މެޗުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި މެޗުގައި ހެޓްރިކް ހެދި ޝާއިފްއެވެ. މެޗުގެ ހަތްވަނަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޝާއިފްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ، ކްލެސިކް މޭންގެ މަގާމު ހޯދީ ކްރިމިނަލް ކޯޓިގެ ޖޯޒީ ނަމްބަރު 8، ޝާއިފްއެވެ.