ޤަވާއިދާ ޚިލާފަށް ހުޅުމާލޭގައި އުޅެމުން ދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ސެޕްޓެންބަރު 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަހައްދުގައި އުޅޭ ބިދޭސީން ހިމެނޭހެން 40 ބިދޭސީއަކު ބަލައި ފާސްކޮށްފަވާ ކަމަށެވެ. އޭގެތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދެވޭ ޚާއްސަ ތަމްރީނުގެ ދަށުން މިއޮޕަރޭޝަނުގައި "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ސެޕްޓެންބަރު 16 ވަނަ ދުވަހުގެ ރޭ ވަނީ ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަހައްދުގައި އުޅޭ ބިދޭސީން ހިމެނޭހެން 40 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެތެރެއިން ގަވާއިދާ ހިލާފަށް… pic.twitter.com/F2PYJVwilE
— Maldives Immigration (@ImmigrationMV) September 18, 2025
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2022 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 މީހުން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.