ދިވެހިރާއްޖޭގެ އުފެއްދުންތެރިންނަށް މިހާތަނަށް ވިޔަފާރި ފުޅާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މާކެޓެއް ނުލިބުމެވެ. މިއީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށްވާއިރު ސަރުކާރުން ދަނީ އުފެއްދިންތެރިކަމުގެ އިޤްތިޞާދެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ވަޢުދާއެކުއެވެ. ބޭރުގެ އީކޮމާސް ޕްލެޓްފޯމްތަކުން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު އަދި މަޤްބޫލު އީކޮމާސް ޕްލެޓްފޯމް އަލީބާބާއާއި ގުޅިގެން ދިވެހި އުފެއްދުންތެރިންނަށް އެ ޕްލެޓްފޯމުގައި ތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެހީވުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް މިވަނީ ކުރިއަށް ގެންގޮސްފައެވެ.
މިމަސައްކަތު ބައްދަލުވުމުގައި 700 އެއްހައި މީހުން، އޮންލައިންކޮށް އަދި އެތަނަށް ހާޒިރުވެ ބައިވެރިވެފައިވާއިރު މިއީ މިގޮތަށް ބޭއްވުނު އެންމެ ބޮޑު އެއް މަސައްކަތު ބައްދަލުވުމެވެ. މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ މިކަން ބަލައިގަނެފައެވެ.
އަލީބާބާ ކުންފުނީގެ ފަރާތުން މިމަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޕަބްލިކް އެފެއަރސް ޖޮންގް ޓާއޯ ވިދާޅުވީ، އަލީބާބާގެ ފަރާތުން ދިވެހިންނަށް ފޯރުކޮށްދޭނީ އުފެއްދުންތަކަށް ޑިމާންޑް އިތުރުކޮށް މާކެޓު ހޯދައިދިނުން ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ގުޅިގެން ކުރެވޭ މިމަސައްކަތުން ދިވެހި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީބާބާއަކީ ތަކެތި ގަތުމަށް މިހާރުވެސް 50 މިލިޔަން މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުގައި އެކުންފުނީގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެންމެ ޒަމާނީ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން އަލީބާބާއިން ޚިދުމަތްދެމުންދާއިރު، މިއީ ދިވެހި އުފެއްދުންތެރިންނަށް މިހާތަނަށް ފަހިވެ ހުޅުވިގެން ދިޔަ އެންމެ ބޮޑު މާކެޓެވެ. މިގޮތުން މައިގަނޑު 3 ކަމެއް އެކުންފުނިން ފަހިކޮށްދޭ ކަމަށް ޖޮންގް ޓާއޯ ވިދާޅުވިއެވެ.
އަލީބާބާގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލާއިރު، އެ ޕްލެޓްފޯމުގެ 50 މިލިޔަން ކަސްޓަމަރުންނަށް އޭއައި ޓޫލްސްތައް މެދުވެރިކޮށް އުފެއްދުންތައް އިޝްތިހާރުކޮށްދީ މާކެޓު ކޮށްދޭނެއެވެ. އަދި އެ ޕްލެޓްފޯމުގައި ލިސްޓް ކުރާ އުފެއްދުންތަކަކީ ކަސްޓަރަމަރުންގެ މެދުގައި މަޤްބޫލު އުފެއްދުންތަކަށް ހެދުމަށް އޭއައި ސްމާޓް އެސިސްޓެންޓް މެދުވެރިކޮށް ލިސްޓް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުންވެސް އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަތުމަށް ޑޭޓާ އެނަލިޓިކްސް ފޯރުކޮށްދީ އުފެއްދުންތައް މަޤުބޫލު ކުރުމަށް އުފެއްދުންތެރިންނަށް އެހީތެރިވެދޭނެއެވެ.
މިމަސައްކަތު ބައްދަލުވުމުގައި އަލީބާބާ ޕްލެޓްފޯމާއި ގުޅި، އުފެއްދުންތައް ވިއްކާނެ ގޮތްތަކާއި އިޝްތިހާރުކުރާނެ ގޮތްތަކުގެ އިތުރުން، އެހެން އުފެއްދުންތެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް އެ ޕްލެޓްފޯމް ބޭނުން ކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ. މީގެ ސަބަބުން އުފެއްދުންތެރިންގެ އިތުރުން އުފެއްދުން ޑިޒައިން ކުރާ ފަރާތްތަކަށް އެހެން ފަރާތެއް މެދުވެރިކޮށް އެމީހެއްގެ އުފެއްދުންތައް އުފައްދައި ވިއްކުމަށް މަގުފަހިވެގެންދެއެވެ.
މި ޚިދުމަތް ފުޅާވެގެންދާއިރު، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުފެއްދުންތައް ފޮނުވޭނެކަން ކަށަވަރުކުރެވިގެންދާނެ ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މިމަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް ޕޯސްޓްއިން ވަނީ އެކުންފުނީގެ ޚިދުމަތްތަކުގެ ތަފްސީލްތައް ވިޔާފަރިވެރިންނަށް ދީފައެވެ. އަދި ބޭރުގެ ފަރާތްތަކުން އުފެއްދުންތައް ގަތުމުން އެފައިސާ ލިބޭނެ ގޮތް މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވަނީ ކިޔައިދީފައެވެ.
އަލީބާބާގެ ޚިދުމަތް ދުނިޔޭގެ 200އަށް ވުރެ ގިނަ ޤައުމުގައި ދޭއިރު، 50 މިލިޔަން ކަސްޓަމަރުންނަށް ތަކެތި ވިއްކާ ގަތުމަށް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި ސަޕްލަޔަރުންގެ ގޮތުގައި 200،000އަށް ވުރެ ގިނަ ފަރާތްތައް ހަރަކާތްތެރިވާއިރު 200 މިލިޔަނަށް ވުރެ ގިނަ އުފެއްދުންތައް މިހާތަނަށް ލިސްޓްކުރެވިފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. މިއީ 7600އަށް ވުރެ ގިނަ ޕްރޮޑަކްޓް ކެޓަގަރީއެވެ.
ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތް ކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލްކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުން މުހިންމު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.