ޚަބަރު

އެއަރޕޯޓް ހިމެނޭހެން ފުވައްމުލައް ސިޓީގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރަން މަޝްވަރާކުރައްވައިފި


  • ބައްދަލުވުން ކުރިއަށްގެންދެވީ ދަތުރުފަތުރާ ބެހޭ ވަޒީރު އަމީން

  • ބައްދަލުވުން އޮތީ ފުވައްމުލައް ސިޓީގަ

ފުވައްމުލައް ސިޓީ އެއަރޕޯޓްގެ ޚިދުމަތް ފުޅާކޮށް، އެ ސިޓީގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމާ ގުޅޭގޮތުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ފުވައްމުލައް ސިޓީ ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންދެވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އެސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ބައްދަލުވުމުގަ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގަ ވަނީ ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައިވެސް ސޮއި ކުރައްވާފައިވެއެވެ.

ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ ވިދާޅުވީ، ފުވައްމުލަކު ސިޓީ ކައުންސިލާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި، ފުވައްމުލަކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ. މި މިމަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ.

މި ކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް އެއަރޕޯޓް މިހާރު ހިންގަމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސިއެލްގެ ބެލުމުގެދަށުންނެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދު ހިމެނޭހެން، މިމަހުގެ 6ވަނަ ދުވަހު އެމްއޭސީއެލްގެ ޓީމެއްވެސް ވަނީ އެރަށަށް ދަތުރުކޮށް، އެއަރޕޯޓްގެ ޙާލަތު ބަލާ އަދި ކައުންސިލާއެކ ބައްދަލުވުން ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ ފުވައްމުލައް އެއަރޕޯޓްގައި ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަތުމަށް ދިރާސާއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަވެއެވެ.

އެއަރޕޯޓްގެ ޚިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް އެމްއޭސީއެލްއި ސިޓީ ކައުންސިލާ ދެމެދު ވަނީ މަޢުލޫމާތު ބަދަލުކޮށްފައެވެ. ފުވައްމުލައް އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ފުވައްމުލަކު އެއަރޕޯޓުގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

ފުވައްމުލައް އެއަރޕޯޓަށް ބައެއް ބަދަލުތައް ގެނައުމާ، އިތުރު ތަރައްޤީތައް ގެނައުމާ ގުޅޭގޮތުން މިދިޔަ އަހަރުވެސް ބައެއް ދިރާސާތައް ކުރިއަށްގެންދިޔައެވެ. އެގޮތުން ރަންވޭ ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ބެލުމާއި ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދެނެގަތުމުގެ މަސައްކަތްތައް ކޮށްފަވެއެވެ.

އޭރު ކުރިއަށްގެންދިޔަ މަސައްކަތްތަކީ ޖެޓް ޖެއްސޭ ފެންވަތަށް އެއަރޕޯޓް ތަރައްޤީކުރުމާއި އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ދެނެގަތުމުގެ ސަރވޭއެކެވެ. އަދި ފަތުރުވެރިކަމަށް ޚާއްސަ އޭރިއާއެއް ތަރައްޤީކުރުމަށްވެސް މަޝްވަރާކޮށްފަވެއެވެ.