ޚަބަރު

ސާމާނު ގެންގޮސް، ތުލުސްދޫ ހޮސްޕިޓަލުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ


  • މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީން

  • މިއީ 30 އެނދުގެ ހޮސްޕިޓަލެއް

ކ.ތުލުސްދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަވާކަމަށް އެކަމުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ތުލުސްދޫގަ ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލްއެވެ. އެމްޓީސީސީން ވިދާޅުވީ ހޮސްޕިޓަލް އަޅާ ސަރަޙައްދު ސާފުކުރުމާ ފެންސް ޖެހުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތަށް ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިމަހުގެ ފަހު ހަފްތާގައި ޢަމަލީގޮތުން އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ހޮސްޕިޓަލް އިމާރާތުގެ އިތުރުން، 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ ދަށުން ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީކުރުމަށް ހަަމަޖެހިފައިވެއެވެ. އަދި ލެބޯރެޓަރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ތުލުސްދޫ ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ހޮސްޕިޓަލް އެޅުމަށް 101.71 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

1600އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ތުލުސްދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުންދާ މަރުކަޒެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލާއެކު މިހާރު ދެމުންދާ ޚިދުމަތްތައް ފުޅާވެ އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ތުލުސްދޫއަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަންވެސް ކުރަމުންދާ ރަށެކެވެ. އެހެންކަމުން މި މަޝްރޫޢުއާއެކީ ރަށުގެ ރައްޔިތުންގެ އިތުރުން، ރަށަށް ޒިޔާރަތްކުރާ ފަތުވެރުވެރިންނަށްވެސް އެކަށީގެންވާ ސިއްޙީ ޚިދުމަތެއް ލިބޭނެއެވެ.