ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލާ އެކު ރެގިއުލޭޓްކުރެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެކަނިކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ މީޑިއާ ބިލުގެ ސަބަބުން ޢާންމު ރައްޔިތުން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތް ރެގިއުލޭޓުކުރެވޭނެ ކަމަށާއި ކޮންޓެންޓް އުފައްދާ ފަރާތްތައްވެސް ރެގިއުލޭޓްކުރެވޭކަމަށް ބުނެ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންނެވެ. ނޫސްވެރިންގެ ނަމުގައި، ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ތިބި ބަޔަކު ބިލުގައި ނެތް ކަންތައްތަކެއް އޮތްކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަމުންދާއިރު، ޙަޤީޤަތް އޮތް ގޮތަށް ވިސްނާލުން މުހިންމެވެ.
އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވީ ބިލުގައި މީޑިއާ މާނަކޮށްފައި އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓްނުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސޯޝަލް މީޑިއާގެ ވާހަކަދައްކާއިރު، ރާއްޖޭގައި ހިންގާ މީޑިއާއެއްގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތައް މި ބިލުން ރެގިއުލޭޓްކުރާނެ. އެކަމަކު ހިންގާ ސޯޝަލް މީޑިއާ ޕޭޖަކީ ޢާންމު ރައްޔިތަކަށް ނުވަތަ ކޮންޓެންޓް ކްރިއޭޓަރަކަށް ނިސްބަތްވާ އެއްޗެއް ނަމަ އެއީ މި ބިލާ ބެހޭ ކަމެއް ނޫން. އެއެއް ރެގިއުލޭޓެއް ނުކުރާނެ." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މީޑިއާ ބިލާ މެދު އެކި ނޫސްވެރިން ޚިޔާލު ތަފާތުވި ނަމަވެސް، އެއްވެސް މީހެއްގެ ކަރާމާތަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބިލާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވާހަކަދައްކައިގެން މަޝްވަރާކޮށްގެން ބިލަށް ލިބޭ ކޮންމެ ހައްލެއްގެ ފައިދާކުރާނީ ނޫސްވެރިންނަށާއި ރައްޔިތުންނަށްކަމަށް ވަޒީރު ވިދާޅުވިއެވެ.