ޚަބަރު

އެފްއޭއެމްގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މި ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރުގައިވާ މުބާރާތްތަކަށް ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) އާއި ޕީއެސްއެމްގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ ޢަބްދުالله ޔާމީން ރަޝީދެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެފްއޭއެމްގެ ރައީސް ޠާރިޤު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބާއްވާ 2025-2026 ގެ ފުޓްބޯޅަ ސީޒަނުގައިވާ މުބާރާތްތައް ބްރޮޑްކާސްޓްކުރުމުގެ ރައިޓްސްއާއި ބްރޮޑްކާސްޓް ކުރުމުގައި ޕީއެސްއެމްގެ ދައުރު ހިމެނިގެންދާނެ ކަމަަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޕީއެސްއެމްއަކީ ޒަމާންވާންދެން ހާއްސަކޮށް ކުޅިވަރު ކަވަރުކުރުމުގައި ވަރަށް ޒަމާންތަކެއް ހިމެނިގެންވާ ޓީމެއް އޮންނަ ފަރާތެއް. އެހެންވީމަ ފުޓްބޯޅަ މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި އެހެން މީޑިއާތަކޭ އެއްގޮތަށް ޕީއެސްއެމަށް ލީޑް ދައުރު އަދާކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑުމެން މި އެމްއޯޔޫގައި ސޮއިކުރީ" ޠާރިޤު ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ވިދާޅުވީ އިރާދުކުރެއްވިއްޔާ ކުރިޔަށް އޮތް ފުޓްބޯޅަ ސީޒަނަކީ ވަރަށް ކާމިޔާބު ފުޓްބޯޅަ ސީޒަނަކަށް ވެގެންދާނެ ކަމަށެެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ ޔާމީން ވިދާޅުވީ އެފްއޭއެމް އާއިއެކު ސޮއިކުރުމުގެ މި އެއްބަސްވުމުގެ މަގުސަދަކީ އެފްއޭއެމް އިން އައު ހިތްވަރަކާއެކު މި ކުރާ މަސައްކަތުގައި އެއްބާރުލުންދިނުންް ކަމަށެވެ. އަދި މިދޭތެރެއިން ފުޓްބޯޅައަށް ދޭ އަހަންމިއްޔަތު ވަރަށް ކުޑަ ކަމަށާއި އެހެންނަމަވެސް މިހާރު އެކަން އިތުރުކޮށް ފުޓްބޯޅަ ދިރުވުމަށް ޕީއެސްއެމްއިން މަސައްކަތްކުރައްވާނެކަމަށެވެ.

"މައިގަނޑު މަގްސަދަކީ އެފްއޭއެމް އިން ހާއްސަގޮތެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް އަލުން އައު ހިތްވަރަކާއެކު މި ކުރަމުންދާ މަސައްކަތުގައި ޕީއެސްއެމް އެއްބާރުލުން ދިނުން. ދެން މީޑިއާގެ ދައުރު ކުޅިވަރުތައް ކުރިއަރާ ދިއުމުގައި ވަރަށް ބޮޑުވާނެ. އެކަން ޕީއެސްއެމުން މިހާތަނަށްވެސް ޕްރޫވްކޮށްދީފައިވަނީ" ޔާމީން ވިދާޅުވިއެވެ.

އެގޮތުން ކުޅިވަރަށް ހާއްސަ ޕީއެސްއެމްގެ ޗެނަލް ޔެސްޓީވީގެ މަސައްކަތް އިތުރަށް ފުޅާކުރެވިގެންދާނެ ކަަމަށް ޕީއެސްއެމްގެ ޑީއެމްޑީ ވިދާޅުވިއެވެ.

އެފްއޭއެމް އާއެކު މި ވެވުނު އެއްބަސްވުމުގެ އަނެއް ބޭނުމަކީ މިދޭތެރެއިން ފުޓްބޯޅައަށްދޭ އަހަންމިއްޔަތުކަން އިތުރުކޮށް ފުޓްބޯޅަ ދިރުވުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކުގައި ޕީއެސްއެމްގެ ބައިވެރިވުން އިތުރުކުރުންކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތްތައް ޝޯކޭސް ކުރުމަށްޓަކައިވެސް ޕީއެސްއެމްއިން މަސައްކަތްތަކެއް ކުރުން ހިމެނޭކަމަށް ޔާމީން ވިދާޅުވިއެވެ.

އަދި ދިވެހި ރައްޔިތުންނަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ އެކިއެކި ކަންކަން ދެއްކުމަށްޓަކައި ހޯދަން ޖެހޭ އެކިއެކި ރައިޓްސް ހޯދުމުގައި އެފްއޭއެމްގެ ދައުރު ބޮޑުކުރުމަށް މި ވެވުނު އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.