ޕަބްލިކް ސާރވިސް މީޑިއާގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މީޑިއާގެ ދާއިރާއަށް މީހުން ބިނާކޮށް މަސައްކަތްކުރާނެ މީހުން އުފެއްދުމަށް އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕެއް ކުޅުދުއްފުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ވިދާޅުވީ މިޕްރޮގްރާމުގެ ފުރަތަމަ ވޯކްޝޮޕް ކުރިއަށްދާނީ މި މަހުގެ 24 އިން އަންނަމަހުގެ 3ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކަމަށެވެ. މި ވޯކްޝޮޕްގައި ނޫސްވެރިކަމާއި، ކެމެރާކުރުމާއި، ވީޑިއޯ އެޑިޓްކުރުމުގެ އިތުރުން، ޚަބަރާއި ޕްރޮގްރާމް ހުށަހަޅައިދިނުމުގެ ދާއިރާއިން ތަމްރީނުކޮށް، އެ ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް އެމްއެމްއައި އިން ވިދާޅުވެއެވެ.
ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 02:00ގެ ކުރިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފޯމް އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅަންޖެހެއެވެ. އެމްއެމްއައި އިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ދާއިރާއިން އިތުރު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
ޕީއެސްއެމުން ނޫސްވެރިންނާއި، މީޑިއާގެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ފުޅާދާއިރާގައި ކުރަމުންދާއިރު، އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި މިފަދަ ފުރުސަތުތައް ހުޅުވާލައި، ޝައުގުވެރިވާ މީހުންނަށް މިދާއިރާއިން ކުރިއަށް ދިއުމުގެ މަގުފަހިކޮށްދިނުމެވެ.