ޚަބަރު

އެމެރިކާގެ މަންދޫބެއް އަފްޣާނިސްތާނަށް، ޠާލިބާނުންނާ އެކު ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް


އަފްޣާނިސްތާނުގެ ބެލުމުގެ ދަށުގައި ތިބި އެމެރިކާގެ ރައްޔިތުން މިނިވަންކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

ޤައުމުތަކުގައި ހިފަހައްޓާފައިވާ އެމެރިކާގެ ރައްޔިތުންނާ ބެހޭ ޚާއްޞަ މަންދޫބު، އެޑަމް ބޯލަރއާއި މީގެ ކުރިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނެވި ޚާއްޞަ މަންދޫބެއް ކަމަށްވާ ޒަލްމޭ ޚަލިލްޒާދީ ވަނީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނު ސަރުކާރުގެ ޚާރިޖީ ވަޒީރު، އާމިރު ޚާން މުއްތަޤީއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު އަފްޣާނިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށްއޮތް ތަނުގައި ދެ ފަރާތުން ވެސް އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ގޮތުން ދެ ޤައުމުގައި ބަންދުކޮށްފައިވާ ދެ ޤައުމުގެ ރައްޔިތުންނާ ގުޅޭގޮތުން ޚާއްޞަ ގޮތެއްގައި މަޝްވަރާ ކުރާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ މަޙްމޫދު ޙަބީބީއަކީ އަފްޣާނިސްތާނުގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބުނާ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކެވެ. ނަމަވެސް ޠާލިބާނުން ބުނަމުން ދަނީ އަފްޣާނިސްތާނުގެ ބެލުމުގެ ދަށުގައި އޭނާ ނެތް ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޙަބީބީ މިނިވަންކުރުމުގައި ކުރިއެރުމެއް ނުލިބުނަކީ އަފްޣާނިސްތާނާއެކު އިތުރު ދާއިރާތަކުން މަސައްކަތް ކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އަފްޣާނިސްތާނުގެ ކާބުލްގައި މީގެ ތިން އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލުނު ޙަބީބީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށް ޠާލިބާނުން ދަނީ ބުނަމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ ޙަބީބީ މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުގައި ގުއަންޓަނާމޯ ބޭ އަސްކަރީ ޖަލުގައި ބަންދުކޮށްފައިވާ އަފްޣާނިސްތާނުގެ ރައްުޔިތެއް ކަމަށްވާ މުޙައްމަދު ރަޙީމް އަލް-އަފްޣާނީ މިނިވަން ކޮށްދިނުމަށް ހުށަހަޅައިފައެވެ. ނަމަވެސް އަފްޣާނިސްތާނުން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ.

އެެމެރިކާގެ ފަރާތުން އަފްޣާނިސްތާނަށް ޒިޔާރަތް ކުރަމުންދާ ވަފުދުން ވަނީ އަފްޣާނިސްތާނުގެ އިޤްތިޞާދީ ކަންތައްތަކާ ބެހޭ ބޮޑުވަޒީރުގެ ނައިބު، އަބްދުލްޣަނީ ބަރާދަރާ ވެސް ބައްދަލު ކުރައްވައިފައެވެ. އޭނާގެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި އަފްޣާނިސްތާނުގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށާއި އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ޝަކުވާކޮށްފައިވާ ކަމަށެވެ. އަފްޣާސްނިސްތާނާ ކުރިމަތިލުމުގެ ބަދަލުގައި އެ ޤައުމާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން އެދިފައިވާ ކަމަށާއި، އަފްޣާނިސްތާނު އަލުން އާރާސްތުކުރުމުގައި އެމެރިކާއިން ޢަދާކޮށްދޭން ޖެހޭ މަސްޢޫލިއްޔަތު ފުރިހަމަ ކުރުމަށް ގޮވާލާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.