ޚަބަރު

މާފުށީގެ ކައުންސިލުން ބަނދެފައިވާ ސޭންޑު ބާޖު އިފްތިތާޙްކޮށްފި


  • މި ސޭންޑް ބާޖު ބޭނުންކުރަނީ އެރަށުގެ ގޮނޑުދޮށްތައް ތަރައްޤީކުރުމަށް

  • ރަށަށް ކުރިއެރުން ލިބޭނެ ކަމަށް ކައުންސިލުން ދެކޭ

ކ. މާފުށީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނި ލިމިޓެޑް މެދުވެރިކޮށް ބަނދެފައިވާ ސޭންޑް ބާޖު އިފްތިތާޙްކޮށްފިއެވެ.

ފަރިވަޅުގެ ހަރަކާތްތަކާއެކު ސޭންޑް ބާޖު އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މާފުށީ ސޭންޑް ބާޖު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އަދި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރުގެ އިތުރުން މާފުށީ ކައުންސލިގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސޭންޑް ބާޖް އިފްތިތާޙްކުރުމަށްޓަކައި މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ މާފުށީގެ ތަރައްޤީއަށް އެރަށު ރައްޔިތުންނާ ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

"ސޭންޑް ބާޖް އިފްތިތާޙްކުރުމުގެ މި ހަރަކާތަކީ ވެސް ހަޤީގީ މާނައިގައި މާފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ކުރިއެރުމާއި މާފުށީގެ ރައްޔިތުންގެ އެތައް ބުރަ މަސައްކަތަކުން ރަށަށް ލިބިދިން ކުރިއެރުންތަކުގެ ނަތީޖާއެއްގެ ގޮތުން އިފްތިތާޙްކުރެވުނު މަޝްރޫއުތަކެއް. މިހެންވެގެން އަޅުގަނޑު މި ދެންނެވީ މީގެ ހުރިހާވެސް ޝަރަފެއް އެންމެ ބޮޑަށް ހައްޤުވެގެންވާ ފަރާތަކީ މާފުށީގެ ލޮބުވެތި ރައްޔިތުންނޭ. އެކަމަށްޓަކައި މާފުށީގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަން". ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާޙު ވިދާޅުވީ، ސޭންޑް ބާޖް ބޭނުންކޮށްގެން މާފުށީގެ ގޮނޑުދޮށްތަކަކީ ހިތްގައިމު އަދި ހިތްފަސޭހަ ތަނަކަށް ހަދައިދޭނެކަމަށެވެ. އަދި މަސައްކަތް ނިމޭއިރު، ރާއްޖޭގެ އެންމެ ރީތި މޫދަށް އެރޭ ސަރަޙައްދު ނުވަތަ އެންމެ ރީތި ގޮނޑުދޮށް އޮންނަ ރަށަށް މާފުށި ވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން ބާޖުގެ މަސައްކަތް މިހާރު ނިމި މިއަދު އޮޕަރޭޝަނަށް ގެނެއްސިން. އަދި އަޅުގަނޑުމެންގެ ކުންފުނިން ގާތްގަޑަކަށް ދޮޅު އަހަރެއް މިވީ. އަޅުގަނޑުމެން އެންމެ ފުރަތަމަ ކުންފުނިން ކުރަން ރާވާފަ އޮތް ކަމަކީ މާފުށީގެ ރައްޔިތުންނަށް މޫދަށް އެރެވޭނެ ރީތި ގޮނޑުދޮށްތަކެއް ހެދުން. އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގަވެސް އެންމެ ރީތު ގޮނޑުދޮށްތަކެއް އޮންނާނީ ދެން އިރާދަކުރެއްވިއްޔާ މާފުށީގަ. އެކަން އަޅުގަނޑުމެން ހާސިލްކުރާނަން". ސޮލާޙް ވިދާޅުވިއެވެ.

މާފުށީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް މެދުވެރިކޮށް ބަނދެފައިވާ ސޭންޑް ބާޖު މެދުވެރިކޮށް މާފުށްޓަށް ދިމާވެފައިވާ ހޭޅިފަށް ގިރުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އަދި އެރަށުގެ ތަރައްޤީއަށް ކުރެވޭ އެކި މަސައްކަތްތަކަށް ބާޖު ބޭނުންކުރެވޭނެކަންވެސް އެރަށު ކައުންސިލުން ފާހަގަކުރެއެވެ.

މާފުށީގެ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަން ގެނެސްދީ، އިޤްތިސާދީ އަދި އިޖްތިމާޢީގޮތުން މުހިންމު ކުރިއެރުންތަކެއް ހާސިލުކޮށްދޭ ކަންކަންކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.