ޚަބަރު

އައްޑޫގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ އާރޓް ގެލަރީއެއް ހުޅުވަނީ


  • އާރޓް ގެލެރީ ހިނގާނީ އޭގެން އާމްދަނީއެއްވެސް ލިބޭނެ ގޮތަށް

  • އާރޓް ގެލެރީ ހަދާފައިވަނީ މަރަދޫގައި ހުރި ތާރީހީ "ބޮނޑޮގޭ" އިމާރާތުގައި

އައްޑޫސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދިނުމަށް އާރޓް ގެލެރީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ސިޓީގެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މަރަދޫގައި ހުރި ތާރީހީ "ބޮނޑޮގޭ" އިމާރާތުގައި އެ ކައުންސިލުން ގާއިމުކުރާ އަރޓް ގެލެރީއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް، ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންވާނީ "އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިޞާދު" ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީޚީ ބިނާއެއްކަމަށެވެ.

އައްޑޫ ސިޓީ މޭޔަރ ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތްކަމަށެވެ. އެ އިމާރާތުގައި އާޓް ގެލެރީއެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ އެންމެހައި ވަސީލަތްތައް މިހާރު ވަނީ ހަމަޖައްސާފައި ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ މި އާރޓް ގެލެރީގެ ބޭނުމަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވާ އައްޑޫއަށް އަންނަ ފަތުރުވެރިންނާއި އާންމު ފަރާއްތަކަށް އައްޑޫގެ ތާރީހާއި ސަފާގަތް އަދި އައްޑޫއާއި ގުޅުންހުރި ވާހަކަތައް ކިޔާދިނުންކަމަށެވެ.

އެގޮތުން އާރޓް ގެލެރީގެ އެންމެހާ ކަންކަން ބަލަހައްޓަމުންދާނީ ސިޓީ ކައުންސިލުންކަމަށާއި އާރޓް ގެލެރީ ހިނގާނީ އޭގެން އާމްދަނީއެއްވެސް ލިބޭނެ ގޮތައްކަމަށް މޭޔަރ ވިދާޅުވިއެވެ. އަލީ ނިޒާރު ވިދާޅުވީ އާރޓް ގެލެރީގެ އިތުރުން މިއުޒިއަމްއެއްގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެ މަސައްކަތް އަދި އެއްކޮށް ނުނިމޭކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ކައުންސިލުން ވިދާޅުވީ އެ މަޝްރޫއުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން އެ މަސައްކަތް ފުރިހަމަކުރުމަކީ އައްޑޫ ސިޓީ ކައުންސިލުގެ އެދުމެއް ކަމަށެވެ.