ކުޅިވަރު

ޖޯހާޓާއި އެއްވެސް މައްސަލައެއް ނެތް – ގާޑިއޯލާ


އާސީޒަންގެ ރަސްމީ ފުރަތަމަ މެޗުގައި އާކޯޗު ޕެޕްގާޑިއޯލާގެ ފުރަތަމަ އެގާރައިން ޖޯހާޓަށް ފުރުޞަތު ނުދިނީ މައްސަލައެއް އޮވެގެން ނޫންކަމަށް އޭނާ ބުނެފިއެވެ. 2-1 ން ސަންޑަރލޭންޑް ބަލިކޮށް އުނދަގޫ މޮޅަކުން ލީގު ފެށި މެޗަށްފަހު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ނިންމުމާއި ގުޅިގެން ހާޓްގެ ޖަވާބުވެސް ހުރީ ރަނގަޅަށްކަމަށެވެ.

" ޖޯހާޓަށް އަހަރެން ވަރަށް ބޮޑަށް އިހުތިރާމްކުރަން. އަހަންނަށް އނގޭ ޖޯހާޓަކީ ކިހާ މޮޅު ކީޕަރެއްކަން. އެކަމަކު އަހަރެން ނިންމީ ވިލީއަށް ފުރުޞަތުދޭން. " މެޗަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަބާބުދެމުން ޕެޕް ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި މެންޗެސްޓަރ ސިޓީގެ ގޯލް ބެލެހެއްޓީ އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލެރޯއެވެ. މިސީޒަންގައި ސިޓީއާއި ހަވާލުވި ބަޔާންއާއި ބާސާގެ ކުރީގެ ކޯޗު ބުނީ ފަހުވަގުތު ސްކޮޑުގެ ތެރެއިން ކުޅުންތެރިން ނަގާނީ އެނާކަމަށެވެ. އަދި ޓީމް ރޫހު އޭނާ އުފައްދާނެކަމަށެވެ.

ޔާޔާ ޓޫރޭއާއި މަންގާލާއަށްވެސް ގާޑިއޯލާ ރޭ ފުރުޞަތެއް ނުދެއެވެ. ފްރާންސްގެ ނަސްރީ އަނިޔާއަށްފަހު މުޅިން ފިޓެއްނޫނެވެ. ގާޑިއޯލާ ބުނީ އެކުޅުންތެރިންނާ މެދު ޝަކުވާއެއް ނެތްކަމަށާއި، ޔާޔާ ވަރަށް ރަނގަޅަށް ތަމްރީންތައްވެސް ކުރިހަމަކުރި ކަމަށެވެ. އެކަމަކު ސާމިރު އަނިޔާއަށްފަހު އައިސް އަދި ހުރީ އޯވަރ ވެއިޓްކޮށްކަމަށް ކޯޗު ބުންޏެވެ. މަންގާލާގެ ޕްރޮފެޝަނަލިޒަމް އޭނާއަށްވުރެ ބޮޑަށް ނޫސްވެރިންނަށް އިނގޭނަކަމަށް ބުނެ ގާޑިއޯލާ ވަނީ އެވާހަކަތައް ނިންމާލާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ސިޓީއަށް ލީޑް ނަގައިދިނީ ސާޖިއޯ އަގުއޭރޯއެވެ. ދެވަނަ ހާފްގައި ސަންޑަރލޭންޑަށް އެއްވަރުކޮށްދިނީ ޑެފޯއެވެ. ފަހުވަގުތުކޮޅުގެ ތެރޭގައި ސިޓީއަށް ތިން ޕޮއިންޓް ލިބުނީ ޕަޑީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

 ސީޒަންގައި ސިޓީއަށް ދެން އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުޅޭ ޗެމްޕިއަންސްލީގު ޕްލޭއޮފް މެޗެވެ.