ޚަބަރު

ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން ތައްޔާރުވަމުންދާ ގްލޯބަލް ޟުމޫދް ފްލޮޓިއްލާގެ އުޅަނދުތަކަށް ޔަހޫދީންގެ ޙަމަލާއެއް


ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން ތައްޔާރުވަމުންދާ ގްލޯބަލް ޟުމޫދް ފްލޮޓިއްލާގެ އުޅަނދުތަކަށް ޔަހޫދީން ޙަމަލާ ދީފިއެވެ.

ޑްރޯން ބޭނުންކޮށްގެން އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ތޫނިސްގެ ބަނދަރެއްގައި އޮއްވައެވެ. އެ އުޅަނދުގައި ތިބި ހަ ފަސިންޖަރުންނާއި ފަޅުވެރިންނަށް އެ ޙަމަލާގައި ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ޙަމަލާގެ ސަބަބުން އުޅަނދުގެ މައި ޑެކަށާއި ޑެކު އަޑީގައި ހުންނަ ތަކެތި ރައްކާކުރާ ގުދަނަކަށް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ގްލޯބަލް ޟުމޫދް ފްލޮޓިއްލާއިން ވަނީ ދިއްލިފައިވާ އުދުހޭ އެއްޗެއް އައިސް އުޅަނދަށް އަރައި މަންޒަރާއި އެއަށްފަހު އުޅަނދުން ދުން އަރައި މަންޒަރު ފެންނަ ވީޑިޔޯއެއް އާއްމުކޮށްފައެވެ.

ނަމަވެސް ތޫނިސްގެ ދާޚިލީ ވުޒާރާއިން ބުނީ އެ ޤައުމުގެ ސީދީ ބައު ސަޢީދު ބަނދަރުގައި އޮތް އުޅަނދަކަށް ޑްރޯން ޙަމަލާއެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ އުޅަނދުގައި ހާދިޘާއެއް ހިނގާފައި ވަނީ އުޅަނދުގެ ތެރޭގައި އަލިފާނުގެ ހާދިޘާއެއް ހިނގައިގެން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ގްލޯބަލް ޟުމޫދް ފްލޮޓިއްލާއިން މަސައްކަތް ކުރަމުންދަނީ ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި އެ ސަހަރަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. މި ބައިނަލްއަޤްވާމީ ޙަރަކާތުގައި 44 ޤައުމަކުން ބައިވެރިވެއެވެ. ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ. އެ އުޅަނދުތަކަށް ޣައްޒާއާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް ބެލެވެނީ މި ހިނގާ ސެޕްޓެންބަރު މަހުގެ މެދުތެރޭގައެވެ.