ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ޓޯކިއޯ 2025 ގައި ރާއްޖެ ތަމްސީލުކުރާނީ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ކަމަށް ކަނޑައަޅައިފިއެވެ.
ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ސާއިދަށް ލިބިފައިވާއިރު އެ މުބާރާތް އޮންނާނީ މި މަހުގެ 13-21 އަށް ޖަޕާނުގެ ވެރިރަށް ޓޯކިއޯގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ސާއިދު ވަނީ ފުރާފައެވެ.
ސާއިދު ވަނީ މާޗު މަހުގެ 21 އިން 23 ޗައިނާގެ ނަންޖިންގައި ބޭއްވި ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ. އަދި އެ މުބާރާތުގައި ވާދަކުރި ހީޓުން ސާއިދު ވަނީ ހަވަނަ ހޯދާފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ ބާރު އެއް ދުވުންތެރިޔާ 32 އަހަރުގެ ސާއިދު ވަނީ އެ މުބާރާތުގައި ތިން ފަހަރު ވާދަކޮށްފައެވެ. މިދިޔަ އަހަރު ސްކޮޓްލެންޑްގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތާއި 2022 ވަނަ އަހަރު ސާބިއާގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތުގައިވެސް ރާއްޖެ ތަމްސީލުކުރީ އޭނާއެވެ.
ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފައިވާ ސާއިދު ވަނީ 2024 ވަނަ އަހަރު އިރާނުގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ.