ހއ.ދިއްދޫއަކީ އާބާދީގައި 5000 މީހުން ރަޖިސްޓްރީކޮށްފައިވާ ރަށެއްނަމަވެސް، އެރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ. މިއާއެކު ރަށުގައި ޚިދުމަތްތަކަށް އޮންނަ ޑިމާންޑްވެސް ވަނީ ބޮޑުވެފައެވެ. އެހެންކަމުން އާއްމު އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިއްދޫގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިއްދޫ ކައުންސިލުން އެރަށުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެތެރޭގައި ރަށުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި އިތުރުވަމުންދާ އާބާދީއަށް މިސްކިތް ބިނާކުރުމާއި އަދި ތުއްތު ކުދިންނަށް ބޭބީ ނާސަރީ އަދި ނާސަރީއަށް ކިޔެވުމަށް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ރަށުގެ ދެކުނު ސަރަހައްދުގައި ތަރައްޤީކުރާ މިސްކިތަކީ 1200 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ މިސްކިތެއްކަމަށެވެ. ބޮޑެތި މަރާމާތުތަކަށް ބޭނުންވާ ކުރީގެ މިސްކިތް ތަޅާލާ މުޅިން އައު، ޒަމާނީ މިސްކިތެއް އެޅުމުގެ މިމަޝްރޫއަކީ، އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަރަށް މުހިންމު މަޝްރޫޢެއްކަމަށް ރަޝީދު ވިދާޅުވިއެވެ.
"ބިޑް އެވޯޑްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. ކައުންސިލް ބަޖެޓުން އަޅާ މިމިސްކިތަށް، ގިނަބަޔަކު އެދެމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތުވެސް އެބައޮތް. އުއްމީދަކީ މިމަހުގެ ތެރޭގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުން." ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ދިއްދޫގައި ބޭބީ ނާސަރީ އަދި ނާސަރީއަށް ކިޔަވައިދެވޭނެ މަގު ފަހިކޮށްދިނުމަށް، 10 ކްލާސްރޫމްގެ ޕްރީ ސްކޫލެއްވެސް އަންނަނީ ހަދަމުންނެވެ. ދިއްދޫގައި ޕްރީ ސްކޫލްގައި ކިޔަވާ 150އެއްހާ ކުދިން މިވަގުތުވެސް އެބަތިއްބެވެ. ކައުންސިލުން ތަރައްޤީކުރާ ޕްރީސްކޫލަކީ ތުއްތު ކުދިންނަށް ކިޔަވައިދިނުމަށް އެންމެ ޒަމާނީ ވަސީލަތާއެކު ތަރައްޤީކުރާ، ޖާގަ ތަނަވަސް ސްކޫލެއްކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
"10 ކްލާސްރޫމް، ސްޓާފްރޫމް، ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް، ޓީޗަރުންނާ ދަރިވަރުންނަށް ފާޚާނާ ވަކިން ބޭނުންކުރެވޭނެ އިންތިޒާމް ހުންނާނެ. އަދި ރަނގަޅު ފެންވަރުގެ ޕްލޭ ގްރައުންޑެއް ހަދާނަން. އަންނަ ދިރާސީ އަހަރާއެކު ކިޔަވައިދޭން ފެށުން އަމާޒަކީ." ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރަށުގެ ކުޅިވަރު ފެސިލިޓީތައް ތަރައްޤީކުރުމަށް ދިއްދޫ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން ރަށުގައި ބޭނުންކުރަމުން އައި ފުޓްސެލް ދަނޑުގައި ޓާފް އަޅާ ތަރައްޤީކުރުމާއި، މިހާރު އަލަށް މީހުން އާބާދުވާ ސަރަޙައްދުގައި އަލަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް 3 މަސްދުވަސްތެރޭގައި ނިމޭނެއެވެ.
އަދި ރަށުގައި އަންހެނުންނަށް ޚާއްސަކޮށް ތަރައްޤީކުރި ހޭންޑް ބޯޅަ ދަނޑުގެ މަސައްކަތް ނިންމާ މިހާރު ވަނީ ހުޅުވާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ހޭންޑް ބޯލް ދަނޑަކީ ރަށުގެ ކަނބަލުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ފެސިލިޓީއެއްކަމަށާއި މިފަދަ ވަސީލަތްތައް ރަށުގައި ނެތުމުގެ ކަންބޮޑުވުން އޮތްކަމަށެވެ.
"އަންހެނުންނަކަށް މާގިނަ ކުޅިވަރު ވަސީލަތެއް ރަށުގައި ނެތް. މިއީ އެންމެ ޒަމާނީ ހޭންޑް ބޯލް ދަނޑެއް. މުބާރާތަކަށް އިޢުލާންކުރުމުން 7ވަރަކަށް ޓީމް ނެރޭ. އެހެންވީމަ މިކަމަށް ބޭނުން މިންވަރު ހާމަވޭ. މިއީ ވަރަށް އެދިއެދި ތިބި ކަމެއް." ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ދިއްދޫއަކީ ކުޅިވަރަށް ވަރަށް ލޯބި ކުރާ ރަށެއްކަމަށާއި ކުޅިވަރުގެ ވާދަވެރިކަން ބޮޑު ރަށެއްކަމަށެވެ. ކައުންސިލުން މި ފަހިކޮށްދޭ ފުރުޞަތުތަކާއެކު، ޤައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް ރަށުން ނެރުމަކީ އެންމެ ބޮޑު އުއްމީދުކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެއިތުރުންވެސް، ރައްޔިތުންގެ ލާބަޔާ މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ރަށު ކައުންސިލުން ފާހަގަކުރެއެވެ.