ޚަބަރު

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 9.3 މިލިޔަން ރުފިޔާ


  • މިފްކޯއަށް 218 ދޯންޏަކުން މަސްކިރުވާފައިވޭ

  • މަސްވެރިންނަށް 9،390،235 ރުފިޔާ ވަނީ ދޫކޮށްފަ

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 9.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ހަފްތާގައި މިފްކޯއަށް 218 ދޯންޏަކުން މަސްކިރުވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 218 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 35.8 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 340 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދު ދަށްވެފައިވާއިރު، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 9،390،235 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި އަދަދާއި އަޅާބަލާއިރު 43.4 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 16,609,466 ރުފިޔާއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން 52،763 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 27،950 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %88.8 އިތުރުވުމެކެވެ.

ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %106.2 އިތުރުވުމެކެވެ.

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ހާސިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.