ޚަބަރު

ބޮޑު ކުރިއެރުމަކާއެކު ފަތުރުވެރިންގެ އަދަދު 1.5 މިލިޔަނަށް


  • އަމާޒަކީ 2.3 މިލިޔަން ފަތުރުވެރިން

  • އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.7 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،520،699 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,386,554 ފަތުރުވެރިންނާ އަޅާ ބަލާއިރު %9.7 އިތުރު އަދަދެކެވެ.

ސެޕްޓެމްބަރ މަހުގެ ފުރަތަމަ 7 ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ %23.6 އިތުރުވެފައެވެ. އެއީ މުޅި ޖުމްލަ 33،773 ފަތުރުވެރިންނާއިއެކުގައެވެ.

މިއަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު:

* ޖަނަވަރީ: 214،863 ފަތުރުވެރިން
* ފެބްރުއަރީ: 214،091 ފަތުރުވެރިން
* މާރޗް: 203،468 ފަތުރުވެރިން
* އޭޕްރީލް: 198،322 ފަތުރުވެރިން
* މެއި: 135،614 ފަތުރުވެރިން
* ޖޫން: 141،772 ފަތުރުވެރިން
* ޖުލައި: 186،738 ފަތުރުވެރިން
* އޮގަސްޓް: 192،058 ފަތުރުވެރިން
* ސެޕްޓެމްބަރ 7ގެ ނިޔަލަށް: 33،773 ފަތުރުވެރިން

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމަށް ބަލާލާއިރު، ކޮންމެ ޤައުމަކުންވެސް ރާއްޖެއަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު:

* ޗައިނާ: 240،828 ފަތުރުވެރިން
* ރަޝިއާ: 182،315 ފަތުރުވެރިން
* އިނގިރޭސިވިލާތް: 136،619 ފަތުރުވެރިން
* އިޓަލީވިލާތް: 107،736 ފަތުރުވެރިން
* ޖަރުމަނުވިލާތް: 104،764 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. ރާއްޖެއަށް މިއަހަރު ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިންނެވެ. މި އަމާޒު ހާސިލްކުރުމަށް ދެން އިތުރަށް ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންނެވެ.

ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން އައުމާއިއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރަށް ކަނޑައެޅި އަމާޒު ހާސިލްވާނެކަމުގެ އުންމީދު ބޮޑުކަމަށެވެ. ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް ރާއްޖެއަށް ވިދިވިދިގެން 5 ފަހަރު ލިބިފައިވާއިރު ކޮންމެ ފަތުރުވެރިއަކީވެސް މި ދަތުރުގައި މުހިންމު ބައިވެރިއެއްކަމަށެވެ.