ތިލަދުންމަތީ ދެކުނުބުރީ ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ކީވޯލް ޖެހުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހާމަކުރައްވައިފިއެވެ. އެމްޓީސީސީން ވިދާޅުވީ މިމަސައްކަތުގެ %86 މިހާރު ނިމިފައިވާކަމަށެވެ.
ތިލަދުންމަތީ ދެކުނުބުރީ ފިނޭއަކީ އެ އަތޮޅުގައި އެންމެ ހަލުވިކަމާއެކު ތަަރައްޤީވަމުން އަންނަ އެއްރަށެވެ. އެރަށުގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ.
ފިނޭގައި މިހާރު ބޭނުންކުރާ ބަނދަރަކީ ކުޑަވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހު ތެރޭގައެވެ.
މިމަޝްރޫޢުގެ ދަށުން ފިނޭގައި 248 މީޓަރުގެ ބަނދަރެއް ތަރައްޤީކުރާނެއެވެ.
އެމް.ޓީ.ސީ.ސީން ވިދާޅުވީ، ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކީވޯލް ޖެހުމުގެ މަސައްކަތުގެ %86 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.
ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ބަނދަރުގައި 219 މީޓަރުގެ ބޭރު ތޮށި ލުމާއި، ރިވެޓްމަންޓް ޖެހުމާއި ހާބަރ ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން، ބަނދަރުގެ ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ހައި ސްޕީޑް ފެރީ ނެޓްވޯރކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯރމެއްވެސް ބަނދަރުގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ފިނޭ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިމުމާއެކު އެރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47 މިލިޔަން ރުފިޔާއަށެވެ.