ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދުކުރާނެ


  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރާނެ

  • ކޭތަ ނަމާދުކުރަނީ މިރޭ 23:12 ގައި

  • ކޭތަ ހިފަން ފަށަނީ މިރޭ 20:28 ގައި

މިރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ 23:11ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 01:55 ހާއިރު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މިރޭ 23:12 ގައި ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ކައުންސިލްތަކަށް އަންގަވާފައެވެ.

މާލޭގައި ކޭތަ ނަމާދުކުރާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެއެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.