ޚަބަރު

ޚިދުމަތުގެ ޤައުމީ އިނާމު އިޙްސާން ކޯޗުގެ ހަނދާނަށް އަރުވައިފި


ކުޅިވަރުގެ ދާއިރާއިން، ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ، ހިދުމަތުގެ ގައުމީ އިނާމު އަލްމަރްހޫމް އިޙްސާން އަބްދުލްޣަނީ (ސާންތި) ކޯޗުގެ ހަނދާނަށް އަރުވައިފިއެވެ.

އިޙްސާން ކޯޗު ފާހަގަވެގެން ގޮސްފައިވަނީ ޒުވާން ކުޅުންތެރިން ބިނާ ކޮށްދިން ކޯޗެއްގެ ގޮތުގައެވެ. އަދި އިޙްސާން ކޯޗަކީ ރާއްޖޭގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރެއިން އެއް ކޯޗެވެ. މީގެ އިތުރުން އިޙްސާން ފާހަގަވެގެންދިޔައީ ޒުވާން އުމުރުގައި ކޯޗިންގެ ދާއިރާއަށް ވަން ކޯޗެއްގެ ގޮތުގައެވެ.

ކޯޗިން ކެރިޔަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2004 ވަނަ އަހަރު އޭޝިއާގެ ގަދަ ބާރު ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖެއިން އެއްވަރު ކުރި މެޗާއި، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސަރަހައްދުގެ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އިޙްސާން ކޯޗު ހުރީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން 2018 ވަނަ ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އިޙްސާން ކޯޗު ހުރީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.

ކްލަބް ކޯޗިން ކެރިޔަރުގައި އިޙްސާންގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ފެންނަން ހުރީ ކްލަބް އީގަލްސްގައެވެ. އެގޮތުން މީގެ 10 ވަރަކަށް އަހަރު ކުރިން އިޙްސާން ކޯޗުގެ އިސްނެގުމުގެ މަތިން އީގަލްސްއިން ޒުވާން ޓީމެއް ބިނާކުރުމަށް ކުރި މަސައްކަތުގެ ތެރެއިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ޒުވާން ސްކޮޑަކާއެކު ސާންތި ކާމިޔާބުކުރިއެވެ.

އޭރު އީގަލްސްއިން ވިދާލި ގިނަ ކުޅުންތެރިންތަކެއް މިއަދު ގައުމީ ޖާޒީގައި އަންނަނީ ރާއްޖެ ތަމްސީލުކުރަމުންނެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހަސަން ރާއިފް އަހުމަދު (ހަންނަ)، ސިފާއު ޔޫސުފް (ކުރޯ)، އަހްމަދު ރިޒްވާން (ރިޒޭ)، ހައިޝަމް ހަސަން (ބިޑި) ފުޓްސަލް ތަރި މުބީން (މުއްކި) އަދި ނޫމާން (ހެލްމެޓް) ފާހަގަކޮށްލެވެއެވެ.

ދިވެހި ފުޓްބޯޅަ އަށް އިޙްސާން ކޯޗު ކޮށްދެއްވި މަސައްކަތަކީ ދުވަހަކުވެސް ފޮހެވިގެންދާނެ މަސައްކަތްތަކެއް ނޫން ކަމަށް މީގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހްމަދު ތާރިގް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިޙްސާން ފާހަގަކޮށްލެވެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓްރެއިނިންގ ކޭމްޕް ހިންގާ ކުޅުންތެރިން ރެކްރޫޓްކޮށް މާލެ ގެނަސް ކުޅުންތެރިންނަށް ފުރުސަތު ހޯދައިދެއްވި ކޯޗެއްގެ ގޮތުގައެވެ.

އިޙްސާން އަވަހާރަވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.