ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚާއްސަ މެޑިކަލް ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕަކީ ސިއްޙީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ބާއްވާ ކޭމްޕެކެވެ.
މި ކޭމްޕް ރަސްމީކޮށް ފަށްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާއި ބައްދަލުވެ ސިއްޙަތާއި ގުޅޭ ގިނަ މަޢުލޫމާތު ލިބި ޗެކަޕް ކޮށްލުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
މި ކޭމްޕު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ރައީސް، ޖިހާދު ޢަބްދުﷲ ވިދާޅުވީ، މި ކޭމްޕުން ރާއްޖޭގެ ގިނަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެކަމަށެވެ.
"މި ކޭމްޕުގައި ބައިވެރިވެފަމިވަނީ ރާއްޖޭގަ މިހާރު ތިބި އެންމެ މަޤްބޫލު އެންމެ ގިނަ ރައްޔިތުން ޤަބޫލުކުރާ އަދި އެ ރައްޔިތުން ޚިދުމަތް ހޯދަމުންދާ ކްލިނިކްތަކާއި، ހޮސްޕިޓަލްތައްކަމުގައި ފާހަގަކޮށްލަން. ހަމައެއާއެކު ރާއްޖޭގެ ހޮސްޕިޓަލަކުން ލިބެންޖެހޭ ގިނަ ފަރުވާތަކެއް މި ކޭމްޕުގެ ތެރެއިން ލިބިގެންދާނެކަން ފާހަގަކޮށްލަން". ޖިހާދު ޢަބްދުﷲ ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި ބާއްވާ މި ކޭމްޕް ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30އަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުފައްދާފައިވާ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސުންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖުތިމަޢީ ގުޅުން ބަދަހިކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތައް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންނެވެ.
ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އަންނަނީ ސިއްޙަތާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ބާރުއެޅުމުގެ ގޮތުން ސިއްޙަތާ ގުޅޭ ގިނަ މަޢުލޫމާތު މިފަދަ ކޭމްޕްތައް މެދުވެރިކޮށް ފޯރުކޮށްދެއެވެ.