ޚަބަރު

ގޭންގު ކުށްތަކުގެ ޤާނޫނުގެ ދަށުން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު އާންމުކޮށްފި


  • ބަލައި ފާސްކުރިއިރު އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވޭ

އަލަށް އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް، ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

އެގޮތުން ބަލައި ފާސްކުރިއިރު އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި މއ. މޯނިންގވިޔު އުމުރުން 30 އަހަރުގެ އަހްމަދު ނަވާޒާއި ހަމަ އެގެއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އިބްރާހީމް ޒައިދާން އާއި ލ. މާބައިދޫ، ބަށިމާގެ، އުމުރުން 22 އަހަރުގެ މުހައްމަދު ޝިދާދް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރު ވަނީ އެ 3 މީހުންގެ ފޮޓޯވެސް އާންމުކޮށްފައެވެ.

މިތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަހްމަދު ނަވާޒް 30 ދުވަހަށް އަދި އިބްރާހީމް ޒައިދާނާއި މުހައްމަދު ޝިދާދް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އަދި އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށަކަށްވާނެއެވެ. އެގޮތުން މީގެން ކުށެއް ކޮށްފިނަމަ މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރާއި 18 އަހަރާއި ދެމެދަށް ޖަލަށް ލެވިގެންދާނެއެވެ.