ޚަބަރު

ބިމުގެ ބޮޑުމިނަށްބަލައި މުނިސިޕަލް މަސައްކަތްތަކަށްދޭ ބްލޮކް ގްރާންޓް ބޮޑުކުރެއްވުމަށް ނިންމަވައިފި


  • މިހާރު ބްލޮކްގްރާންޓް ދެނީ އާބާދީއަށް ބެލުމަށްފަހު

  • މިހާރު ގެނައި ބަދަލާއެކު މުނިސިޕަލް ޚިދުމަތް ދިނުމުގައި ކައުންސިލްތަކަށް ލުއިފަސޭހަވާނެ

ބިމުގެ ބޮޑުމިނަށް ބަލައި، މުނިސިޕަލް މަސައްކަތްތަކަށް ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ފިސްކަލް ފޯރމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭމިންވަރު މަދުކަމަށެވެ. އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް ކުންރަންޖެހޭ މިންވަރު މަދު ނޫންކަމަށް އެމަނިކުފާނު

އެހެންކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅާފައިވާގޮތުން، އެ ކައުންސިލްތަކަށް ގެއްލުންވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ނިންމަވާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ބްލޮކް ގްރާންޓަކީ ކައުންސިލްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލްތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓެވެ.

މީގެތެރެއިން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތައް ނުވަތަ ރަށް ސާފުކޮށް ބެލެހެއްޓުމާއި އާބާތިރަފިލުވުމާ ގުޅޭ މަސައްކަތްތައް ކުރަނީވެސް މި ގްރާންޓްގެދަށުންނެވެ. ނަމަވެސް ބައެއް ރަށްތަކަކީ އާބާދީ ކުޑަ ނަމަވެސް، މުނިސިޕަލް މުވައްޒަފުން ސާފުކޮށް ބަލަހައްޓަންޖެހޭ ސަރަޙައްދު ބޮޑެތި ރަށްތަކެވެ. ރަށްތަކުގައި އެ ސަރަޙައްދުތައް ބަލަހައްޓަނީ ކައުންސިލްގެ މުނިސިޕަލް މަސައްކަތަށް ނަގާ ކޮންޓްރެކްޓް މުވައްޒަފުންނެވެ.

މިފަދަ ރަށްތައް ސާފުކުރުމަށް ގިނަ ޢަދަދަކަށް މިހުން ބޭނުންވި ނަމަވެސް، ބަޖެޓު ބެހުމުން ބޮލަކަށް ލިބޭ ޢަދަދު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. މަސައްކަތާ ހޭދަކުރާ ވަގުތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭކަމުގެ ޝަކުވާ މުނިވިޕަލް މުވައްޒަފުންގެ ކުރެއެވެ.
އެހެންކަމުން މި ގެންނަ ބަދަލާއެކު، އިތުރަށް މުވައްޒަފުން ނެގުމަށް މަގުފަހިވުމާ އަދި މިހާރު މަސައްކަތްކުރާ މީހުންގެ އުޖޫރައަށް ހެޔޮ ބަދަލެއް ގެނައުމަށްވެސް މަގުފަހިވެގެންދާނެއެވެ.